ރައީސް ސޯލިހް ޕްރިންސް ޒައިދާއި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ކޮޕް 26ގެ ރާއްޖޭގެ އެޑްވައިޒަރާއި ރައީސް ބައްދަލުކުރައްވައިފި

ކޮޕް 26 ސަމިޓުގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގެ އެޑްވައިޒަރު އަދި އުރުދުންގެ ޕްރިންސް ޒައިދު ރާދު ޒައިދު އަލް ހުސައިންއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފި އެވެ.

އެ ދެބޭފުޅުން ބައްދަލުކުރެއްވީ ސްކޮޓްލެންޑުގެ ވެރިރަށް ގްލާސްގޯގަ އެވެ. މި ބައްދަލުވުމުގައި ޕްރިންސް ޒައިދު، ހިއުމަން ރައިޓްސް ހައި ކޮމިޝަނަރުގެ ގޮތުގައި ހުންނެވިއިރު ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކުރައްވާ ރައީސް ސޯލިހު ޝުކުރު އަދާކުރެއްވި އެވެ. އަދި ކޮޕް 26ގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ޕްރިންސް ޒައިދު އެއްބަސްވެވަޑައިގެންނެވީތީ ވެސް ރައީސް ސޯލިހް ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ޕްރިންސް ޒައިދު ރާއްޖޭގެ ވަފްދާ ގުޅިވަޑައިގަތުމަކީ ފަހުރެއް ކަމަށާއި، އަދި އޭނާގެ ތަޖުރިބާގެ ސަބަބުން ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރާނޭ ކަމެއް ކަމާއި ކޮޕް 26 އަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއް ކަމަށް ވިދާޅުވެފަ އެވެ.

މިބައްދަލުވުމުގައި ޕްރިންސް ޒައިދު ވިދާޅުވީ ރާއްޖޭގެ ވަފްދާ އެކު ކޮޕް 26 ގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާކުރައްވ ކަމަށާއި އަދި އެއީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. މޫސުމީ ބަދަލުތަކާ ހެދި ކުރިމަތިވާ ކާރިސާތަކުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން ސަލާމަތްވުމަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އަދި ރާއްޖޭން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިންގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕްރިންސް ޒައިދަކީ ކުރިން އދ.ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އުރުދުން އަށް ނިސްބަތްވާ ޒައިދަކީ އިންޓަނޭޝަނަލް ޕީސް އިންސްޓިޓިއުޓްގެ ސީއީއޯ އަދި ރައީސް އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!