މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ފުލުހުންނާއި އެމްއެންޑީއެފްގެ ބަޖެޓުގެ ގޮތުގައި މި ހިނގާ އަހަރަށް ފާސްކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެމްއެންޑީއެފަށް މިއަހަރު 1.3 ބިލިއަން ރުފިޔާ އަދި ފުލުހުންނަށް މިއަހަރު 1.5 ބިލިއަން ރުފިޔާ ފާސްކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހރު ހުށަހަޅާފައިވާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އެމްއެންޑީއެފް އަށް 1.5 ބިލިއަން ރުފިޔާ ވަނީ ނިންމާފަ އެވެ. އެއީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ 268 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއެންޑީއެފްގެ ބަޖެޓުން އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ ލޮޖިސްޓިކް ސަޕޯޓް ހިދުމަތްތަކަށެވެ. އެކަމަށް 665.9 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ފުލުހުންގެ އިދާރާގެ ބަޖެޓުގެ ގޮތުގައި ހިމަނާފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ. އެއީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ 306 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފުލުހުންގެ ބަޖެޓުން އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ ޑިވިޝަނަލް އޮޕަރޭޝަނަލް ކޮމާންޑަށެވެ. އެގޮތުން އެ ކޮމާންޑަށް 466 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ސިފައިންނާއި ފުލުހުންގެ ބަޖެޓު އަންނަ އަހަރު ބޮޑުކުރާއިރު ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި ގުޅިގެން މަސައްކަތް ކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ މައްސަލަތައް ހައްލުކުރުމަށް ބައެއް ގާނޫނުތައް އިސްލާހުކުރުމަށާއި ބައެއް ގާނޫނުތައް އަލަށް ހެދުމަށްވެސް ލަފާ ދީފައިވެ އެވެ.