ހ. ތިމާވެށި ކުރިމަތީގައި ބަހަައްޓައިފައި ހުރި ސައިކަލުތަކެއް -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ހ. ތިމާވެށިގޭ ކުރިމަތީ ސައިކަލު ބަހައްޓަންޏާ އަދިވެސް ވެއްޓޭނެ: ޖާބިރު

ހ. ތިމާވެށިގޭ ކުރިމަތީގައި ސައިކަލު ބަހައްޓާނަމަ އަދިވެސް ވެއްޓޭނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރޭގެ ވަގުތެއްގައި ޖާބިރު ދިރިއުޅުއްވާ ހ. ތިމާވެށިގޭ ކުރިމަތީގައި ހުރި ސައިކަލުތަކެއް އޭނާ ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޖާބިރަށް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން “ސަން”އާ ވާހަަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ ގެއަށް ވަދެވަޑައިގަންނަވަން އުޅުމުގެ ތެރޭގައި ސައިކަލެއްގައި އަޅައިގަންފައި ވެއްޓުނީ ކަމަށެވެ. އަދި އެހެން ވުމުން ސައިކަލުތައް ދުރުކުރަން މަޖުބޫރުވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް ޖާބިރު ވިދާޅުވީ، ގެއަށް ވަދެވަޑައިގަންނަވަން އުޅުއްވާއިރު ގޭ ކުރިމަތީގައި ސައިކަލުތައް ބަހައްޓައިފައި ހުންނަނަމަ ވަރަށް ދަތިވާ ކަމަށެވެ. އެގޮތުން އަރިއަރިމަތިން ގެއަށް ވަދެވަޑައިގަންނަވަން އުޅުއްވަން ޖެހުމުން “ކަހައިލާ” ކަމަށް އޭނާ ވިދާޅުވިއެވެ. “އަޅުގަނޑު އަބަދުވެސް މި ބުނަނީ ގެއަށް ވަންނައިރު ސައިކަލު ގޭ ކުރިމަތީ ހުރެގެން ނުވާނެއެއްނު. އަޅުގަނޑުމެން ގެއަށް ވަންނަން ޖެހޭނެއެއްނު،” ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އެ ރޭ ގެއަށް ވަދެވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި ސައިކަލެއްގައި އަޅައިގަތް ކަމަށެވެ. އެހެންކަމުން ސައިކަލު ފަޔަށް ވެއްޓިދާނެކަމުގެ ބިރަށް ސައިކަލުތައް ދުރުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. “ފިޔަވަޅު އަޅަންވީ އަޅުގަނޑަށްތޯ. އަޅުގަނޑަށް ގެއަށް ވަދެވޭނެ ގޮތަށް ފިޔަވަޅު އަޅަންވީ ނޫންތޯ. ކޮންމެ މީހަކަށް ވެސް އެމީހާގެ ގެދޮރަށް ވަދެވެން ވާނެ ނޫންތޯ،” ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އެ ކަމުގެ ސަބަބުން ފައިމައްޗަށް ސައިކަލެއް ވެއްޓި ހާނީއްކަ ވީ އޭނާއަށް ކަމަށެވެެ. އެހެންކަމުން ފިޔަވަޅު އަޅަން ޖެހޭނީ އެތަނުގައި ސައިކަލު ބެހެއްޓި މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް ޖާބިރު ވިދާޅުވީ މީހެއްގެ ގޭގެ ދޮރުކުރިމަތީގައި ޕާކު ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެއީ މީހަކު ބުނަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަމަށް ޓްރެފިކް ފުލުހުން އެޓެންޑު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. “އަޅުގަނޑުމެން ސައިކަލުތައް ދެން ދުރައްލާނީ މާ ވަރުގަދަކޮށް އެނގޭތޯ. އެކްސްކަވޭޓަރެއް ގެނެސްގެން ހިއްލައިލައިގެން ގެންދާނީ ދެން ބަހައްޓާއިފިއްޔާ. އަޅުގަނޑަށް ގެއަށް ނުވަދެވޭ ގޮތަކަށް ނުހެދޭނެ އެނގޭތޯ.” ޖާބިރު ވިދާޅުވިއެވެ. ހ. ތިމާވެށި ކުރިމަތީގައި ބަހައްޓައިފައި ހުރި ސައިކަލު ތަކެއް — ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ ޖާބިރު ވިދާޅުވީ ތިމާވެށިގޭ ކުރިމަތީ ސައިކަލު ބަހައްޓަން ޖެހޭނީ “ރިސްކު ނަގައިގެން” ކަމަށެވެ. އަދި އެ ގޭގެ 10 ބުރީގައި މީހުން ދިރިއުޅޭ ކަމަށާއި ވަދެނުކުމެ ހަދާ މީހުންނަށް އެކަމުގެ ސަބަބުން ވަރަށް އުނދަގޫ ވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. “ދެން ވެސް އެތާ ބަހައްޓައިފި ކަމަށް ވަންޏާ އެތަނުން މީހުން ހިނގާބިނގާވެ ވަންޏާ އެ އެއްޗެހި ވެއްޓޭނޭ،” ޖާބިރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!