ކިނބިދޫ ސުކޫލް ދަރިވަރުންގެ ހެނދުނު ނާސްތާ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ބަދަލުތަކާއެކު އަލުން ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް ފަށަނީ

މިސަރުކާރުން ސްކޫލްތަކުގެ ދަރިވަރުންނަށް ފަށާފައިވާ ހެނދުނުގެ ނާސްތާ ޕްރޮގްރާމް އިތުރަށް ރަނގަޅުކޮށް، އަންނަ އަހަރުން ފެށިގެން އަނެއްކާވެސް ކުރިއަށް ގެންދަން ނިންމައިފިއެވެ. 2019 ވަނަ އަހަރު ވިޔަފާރި އުސޫލުން ފެށި ނާސްތާ ޕްރޮގްރާމް، ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ނިޔަލަށް މެދުކަނޑާލިއިރު، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ކުރިއެކޭ އެއްގޮތަށް، ނާސްތާ ޕްރޮގްރާމް ފަށަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް އަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލު ހާމައެއް ނުކުރައްވައެވެ. މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް ރާއްޖޭގައި ތިބެގެން ހާސިލްކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށާއި، އިގްތިސޯދީ ހަރަކާތްތައް އިތުރުވެގެންދާއިރު، މުސްތަގުބަލުގައި ގައުމަށް ބޭނުންވާނެ ފަދަ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އެކި ގޮތްގޮތުން ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި އަންނަ އަހަރު ގިނަ މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން ރާވާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި 141 ރަށެއްގައި 150 އަށް ވުރެ ގިނަ މަޝްރޫއު ހިންގަން ރާވާފައިވާއިރު، އޭގެ ތެރޭގައި 31 ރަށެއްގެ ސްކޫލްތަކުގެ އިމާރާތްތަކާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތަކެއް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ކުދިންގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޓީޗަރުން މަދުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް، މި ބަޖެޓުގައި ގިނަ އާ ޓީޗަރުން ނެގުމަށް ޖާގަ ދީފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. “ކުދިންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކޮށް، ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތަކަށް ހައްލު ހޯދުމުގެގޮތުން، 2022 ވަނަ އަހަރު 400 އަށްވުރެ ގިނަ އާ ޓީޗަރުން ނެގުމަށްވެސް ވާނީ ބަޖެޓުން ޖާގަ ދީފައި.” މިނިސްޓަރު ވިދާޅުވިއެވެ. މަތީ ތައުލީމަށް 949 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާއިރު، ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމާއި ހަޔާ އެޑިއުކޭޝަން ލޯން ސްކީމް އަދި ސްކޮލާޝިޕްތަކަށް އަންނަ އަހަރުގެ ބަޖެޓުން 600 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިނިސްޓަރު ވިދާޅުވީ މިހާރުވެސް ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން، 12،000 ކުދިންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުތައް ހޯދައިދީފައިވާނެ ކަމަށެވެ. “މިއީ މިހާތަނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް އެއް އަހަރެއްގެ ތެރޭ އެންމެ ބޮޑަށް ހަރަދުކުރަން ރާވާފައިވާ ފަހަރު. މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، މީހުން ބިނާކޮށް، ދިވެހި ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް.” ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!