ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

2022 އަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި، 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުގައި ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދަ އާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާ އެކު ބަޖެޓުގެ ޖުމްލަ އަކީ 36.9 ބިލިއަން ރުފިޔާއެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ. އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ. އެއީ ބަޖެޓު ޑެފިސިޓްގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާއާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.8 ބިލިއަން ރުފިޔާއާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާއެވެ. އެ ފައިސާ ހޯދާ ގޮތަކީ؛ ބަޖެޓުގެ ހަރަދު ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހަރަދާއި ބޭރުގެ މާލީ އިދާރާތަކަށް ރައުސްމާލުގެ ގޮތުގައި ދައްކާ ފައިސާ ނުހިމަނައި އަންނަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދަކީ 34 ބިލިއަން ރުފިޔާ އެވެ. ޖުމުލަ ހަރަދު ބެހިގެންވާ ބައިތަކަކީ؛ ބަޖެޓުގެ މައިގަނޑު ހަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު 26 ޕަސެންޓު ހަރަދަކީ މުވައްޒަފުންނަށް ހިނގާ ހަރަދެވެ. އެއީ 9.7 ބިލިއަން ރުފިޔާއެވެ. ޖުމުލަ ހަރަދުގެ 12 ޕަސެންޓު ހަރަދު ހިނގަނީ އޮފީސް ހިންގުމަށެވެ. އަދި 17 ޕަސެންޓު ހަރަދަކީ ޕީއެސްއައިޕީއެވެ. މީގެ އިތުރުން 13 ޕަސެންޓު ހަރަދުވާނީ ސަރުކާރުން ދޭ އެހީ، އިޝްތިރާކާއި ސަބްސިޑީއަށެވެ. ބަޖެޓުގެ އާމްދަނީ އަންނަ އަހަރު ދައުލަތަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި 15.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީ އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 2.91 ބިލިއަން ރުފިޔާއެވެ. ބަޖެޓް ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ މެދުރާސްތާގައި ފުދުންތެރި ދައުލަތެއް ބިނާކޮށް، ކޮވިޑް-19ގެ ގެއްލުންތަކުން އަރައިގަނެ، އިގްތިސާދު ފުޅާކޮށްދޭނެ ބަޖެޓެއް ކަމަށެވެ. މީގެ އިތުރުން މިއީ އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދައުލަތުގެ ހިދުމަތްތައް ލާމަރުކަޒު ކުރުމާއި ސަރަހައްދީ ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ ބަޖެޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. “މިއަދު މި ހުށަހެޅޭ ބަޖެޓަކީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމަކަށް މަގުކޮށައިދޭނެ ބަޖެޓެއް،” މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓާއެކު ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ މަޝްރޫއުތަކާއި ޕްރޮގްރާމުތަކުގެ 90 އިންސައްތައަށް ވުރެ ބޮޑު ބައި ބަޖެޓު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!