އިއްޒުއްދީން ސްކޫލްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އަންނަ އަހަރު ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައި -- އަވަސް ފޮޓޯތައުލީމީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ކަނޑައަޅާފައިވާ ފައިސާގެ އަދަދުތައް

އަންނަ އަހަރު ތައުލީމީ ދާއިރާއަށް ހަތަރު ބިލިއަން

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ 4.1 ބިލިއަން ރުފިޔާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އޭގެތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދަށް 2.3 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. ތައުލީމީ ދާއިރާގެ ކެޕިޓަލް ހަރަދަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 295 މިލިއަން ރުފިޔާ އެވެ.

ނޭޝަނަލް ސްޓޫޑެންޓް ލޯނަށް 240 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު، ދަރިވަރުންގެ އެހެނިހެން ސްކޮލަޝިޕާއި ތަމްރީނުތަކަށް 208 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ.

ބަޖެޓު މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން 12,000 ކުދިންނަށް ހިލޭ ޑިގްރީ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. ހިލޭ ޑިގްރީ ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓުގައި 159 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

“މިއީ މިހާތަނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް އެއް އަހަރެއްގެ ތެރޭ އެންމެ ބޮޑަށް ހަރަދުކުރަން ރާވާފައިވާ ފަހަރު. މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، މީހުން ބިނާކޮށް، ދިވެހި ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،” މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލް ދަރިވަރުންނަށް ދޭ އެހީގެ ގޮތުގައި 170 މިލިއަން ރުފިޔާ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައިވެ އެވެ. މި ސަރުކާރުގެ ތައުލީމީ ދާއިރާގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ ސްކޫލް ދަރިވަރުންގެ ނާސްތާ ޕްރޮގްރާމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 135 މިލިއަން ރުފިޔާ އެވެ. ނާސްތާ ޕްރޮގްރާމް މިއަހަރު ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލުމަށްފަހު ނާސްތާ މިހާރު ފޯރުކޮށްދެމުން ދަނީ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ދެ ރަށެއްގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރު ގާއިމްކުރުމަށް 19 މިލިއަން ރުފިޔާ ވެސް ހިމަނާފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި 31 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނޭއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ އާ ތިން ސްކޫލުގެ މަޝްރޫއު ވެސް ހިމެނެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާ ސްކޫލެއް އިމާރާތްކުރުމަށް 29 މިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައިވެސްވެ އެވެ.

“ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް އަމިއްލަ ފަސްގަނޑުގައި ތިބެގެން ދިވެހި ކޮންމެ ކުއްޖަކަށްވެސް ހޯދޭނެ މަގު ފަހިކޮށްދިނުން. އަދި އިގުތިސާދީ ހަރަކާތް އިތުރުވެ ސިންދަފާތުވެގެންދާއިރު މުސްތަގުބަލުގައި ބޭނުންވާނެ ހުނަރުވެރި ތައުލީމީ މަސައްކަތްތެރިން ބިނާކުރުން،” ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ ތައުލީމީ ދާއިރާއަށް އުމްރާނީ ގޮތުންނާއި، ޓީޗަރުންގެ ނިސްބަތުންނާއި، ވަސީލަތްތަކުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ވުރެ އެތައް ކަމެއް ފަހިވެ، ފަސޭހަ ވެގެންދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!