ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އާއި އޭޖްޑް ކެއާ މޯލްޑިވްސްގެ ފައުންޑާ ޑރ. އައިމިނަތު ޖަމީލުގެ ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ޖެންޑާ މިނިސްޓްރީ

ގުރައިދޫ މަރުކަޒުގެ ކެއާ ވޯކަރުންނަށް ދާއިރާއާގުޅޭ ތަމްރީނު ދޭން ލަފާދީފި

ކ.ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާ ކެއާ ވޯކަރުންނަށް ދާއިރާގުޅޭ ތަމްރީނު ދިނުމަށް އޭޖްޑް ކެއާ މޯލްޑިވްސް އިން ލަފާ ދީފިއެވެ. ޖެންޑާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އެދުމުގެ މަތިން، އޭޖްޑް ކެއާ މޯލްޑިވްސް ގެ ފަރާތުން، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) ގެ އެސެސްމަންޓެއް ހަދާ، ހުށަހެޅި ރިޕޯޓާ ގުޅޭގޮތުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އާއި އޭޖްޑް ކެއާ މޯލްޑިވްސްގެ ފައުންޑާ ޑރ. އައިމިނަތު ޖަމީލު ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވި ކަމަށެވެ. މިނިސްޓަރު އާއިޝަތު މުޙައްމަދުދީދީ އާއި ޑރ. އައިމިނަތު ޖަމީލުގެ އެ ބައްދަލުވުމުގައި، އޭޖްޑް ކެއާ މޯލްޑިވްސް އިން ހުށަހެޅި އެސެސްމަންޓް ރިޕޯޓުގައި ލަފާދީފައިވާ ކަންކަމުގެ ތެރެއިން، މަރުކަޒުގައި މަސައްކަތްކުރާ ކެއާވޯކަރުންގެ ދާއިރާއާގުޅޭ ތައުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރު ވަކި ފެންވަރެއްގައި ބެހެއްޓުމަށްޓަކާ ސެޓިފިކޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު އެޗްޕީއެސްއެން އަކީ ތަފާތު ބަލިތައް ތަހައްމަލު ކުރާ މީހުން ތިބޭ ތަނެއް ކަމުން، ޑައިޓިޝަނެއްގެ ލަފާގެ ދަށުން މިހާރު ހަދާފައިވާ ނިއުޓްރިޝަން އެސެސްމަންޓް އާ ބެހޭގޮތުން މަޝްވަރާކޮށް، އެކަން ތަންފީޒުކުރުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭޖްޑް ކެއާ ގެ އެސެސްމަންޓް ރިޕޯޓުގައި ފާހަގަ ކުރި ކަންކަމުގެ ތެރެއިން ޕޭޝަންޓްކެއާ ގުޅޭގޮތުން ހުރިކަންކަން މިހާރު ގޮސްފައިވާ ހިސާބު އެބައްދަލުވުގައި މިނިސްޓަރު ހިއްސާކުރެއްވިއެވެ. މިގޮތުން މިވަގުތު އެޗްޕީއެސްއެން ގައި މެޑިކަލް ޑޮކްޓަރަކާއި ތިން ނަރުހުން އަދި ފިޒިއޮތެރަޕިސްޓެއް މަސައްކަތް ކުރަމުން ގެންދާކަން މިނިސްޓަރު ވިދާޅުވިއެވެ. އަދި އިތުރު ފަސް ނަރުހުންނާއި މެޑިކަލް އޮފިސަރަކު ރެކްރޫޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވެސް ފާހަގަ ކުރެއްވިއެވެ. ޖެންޑާ މިނިސްޓްރީ އާއި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން، އެޗްޕީއެސްއެން ގެ ބަލިމީހުންގެ ހާލަތާއި އެމީހުން ކުރާ ތަޖުރިބާ ހަރުދަނާކުރުމުގެ ގޮތުން މަސައްކަތް ކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް އެބައްދަލުވުމުގައި ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!