ފެބްރުއަރީ 23، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފްލެޓްތައް އިމާރާތް ކުރުމަށް ހަވާލުކުރުމުގައި ކޮރަޕްޝަނެއް އޮތްތޯ އޭސީސީން އަންނަނީ ބަލަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓް އަޅަން އެންމެ އަގުބޮޑުކޮށް ހުށަހެޅި ކުންފުންޏާ ހަވާލުކުރި މައްސަލަ އޭސީސީން ބަލަން ފަށައިފި

ހުޅުމާލޭގައި އަޅާފައިވާ 7000 ހިޔާ ފްލެޓް އިމާރާތް ކުރުމަށް އެންމެ އަގުބޮޑުކޮށް ބީލަން ހުށަހެޅި ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ. ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އަޅަން ހަވާލުކޮށްފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ. އެކަމާ ގުޅިގެން އޭސީސީގެ އިންފޮމޭޝަން އޮފިސަރު އަދި ޑެޕިއުޓީ ޑިރެކްޓަރު ހަސަން މަނިކް ވިދާޅުވީ, އަންމެ އަގުބޮޑުކޮށް ހުށަހެޅި ކުންފުންޏަށް ފްލެޓް އަޅަން ހަވާލުކުރިކަމަށް މީގެ ކުރިން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ. “ކޮންސާންތަކެއް ފާހަގަކޮށްފައި އޮތީ އެންމެ އަގުބޮޑުކޮށް ހުށަހެޅި ފަރާތައް ހަވާލުކުރިކަމަށް. އޭގެ އިތުރުން މީޑިއާތަކުގައި ފާހަގަކޮށްފައިވާ އިޝޫސްތަކަށް ބޭސްކޮށްފައި އަޅުގަނޑުމެން އިސްނަގައިގެން ބިޑިން ޕްރޮސަސްގެ މައްސަލަ ބަލަން ފަށާފައި މިވަނީ,” ހަސަން ވިދާޅުވިއެވެ. ހިޔާ މަޝްރޫއުގެ އަގުތަކުގެ ތަފްސީލް ދޭން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ, ޗައިނާގެ އެހެން ކުންފުނިތަކާއި އެކި ގައުމުތައް ހިމެނޭ ގޮތަށް އެ މަޝްރޫއު ހިންގަން ފަސް ކުންފުންޏަކުން ބިޑް ހުށަހެޅި ކަމަށެވެ. އެ މަޝްރޫއު ހިންގުމަށް ހަވާލުކުރި ކުންފުނި ފިޔަވައި އެހެން ހުރިހާ ކުންފުންޏަކުން ވެސް ޕްރޮޕޯސަލް އަގުކޮށްފައި ވަނީ ޔުނިޓެއް 50،000 ޑޮލަރު (771،000ރ) އާއި 52،000 ޑޮލަރު (801،840ރ.) އާ ދެމެދުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރާއްޖެއިން އެ މަސައްކަތް ހަވާލުކުރި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑުން ހުށަހެޅި އަގަކީ ޔުނިޓަކަށް 62،000 ޑޮލަރުގެ ރޭޓެކެވެ. ދިވެހި ރުފިޔާއިން ނަމަ އެއީ 956،040ރ. އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!