ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީ އެކްސްޕޯ 2020ގައި ފަލަސްޠީނު އަދި ސައޫދީ އަރަބިއްޔާގެ ޕެވިލިއަންއަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން ފަލަސްތީނާއި ސައޫދީގެ ޕެވިލިއަނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު، ރޭ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތްކުރައްވައި, އެ އެކްސްޕޯގައި ހުރި ފަލަސްތީނާއި ސައޫދީ އަރަބިއްޔާގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ފަލަސްތީނުގެ ޕެވިލިއަނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ދުބާއީގައި ހުންނަވާ ފަލަސްތީނުގެ އެމްބެސެޑަރު، ޗާޖް ޑި އެފެއާޒް އޮފް ދަ ކޮންސިއުލޭޓް ޖެނެރަލް އަލީ އެމް. ޔޫނުސް އެވެ. އެކްސްޕޯގައި ފަލަސްތީނުގެ ޕެވިލިއަން ފަރުމާކޮށްފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނުގެ އެކި ކަންކަން ދެނެގަނެ އިހްސާސްކޮށްލެވޭ ފަދަ ގޮތަކަށެވެ. މީގެ މައިގަނޑު ބޭނުމަކީ ފަލަސްތީނާމެދު ބައިނަލްއަގްވާމީ މުޖުތަމައުން ދެކޭގޮތް ބަދަލުކޮށް، މުޅިން އައު ނަޒަރިއްޔާއަކުން ފަލަސްތީނާ މެދު ދުށުމަށް މަގުފަހިކުރުމެވެ. ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވި ސައޫދީ ޕެވިލިއަންއަކީ ޔޫއޭއީގެ ޕެވިލިއަންއަށްފަހު މުޅި އެކްސްޕޯގައި ދެ ވަނައަށް އެންމެބޮޑު ޕެވިލިއަން އެވެ. އެކްސްޕޯގެ އޮޕަޗުނިޓީ ޑިސްޓްރިކްޓްގައި ހުރި މި ޕެވިލިއަންގެ ބޮޑުމިނުގައި 13،059 އަކަމީޓަރު ހުރެއެވެ. އެތަނުގެ މޫނުމަތި ތައްޔާރުކޮށްފައި ވަނީ އެ ގައުމުގެ ރަސްކަމާއި ގުޅިފައިވާ ކަންކަމާ އަދި އެގައުމުގެ އާދަކާދައިގެ ތެރޭގައި ޒަމާނުއްސުރެ އަށަގަނެފައިވާ މެހުމާންދާރީ އަދާކުރުމުގެ ރީތި އާދަތައް ފަދަ އެގައުމަށް ހާއްސަ ގިނަ ކަންތައްތަކެއް ދައްކުވައިދޭގޮތަށެވެ. ދުބާއީ އެކްސްޕޯ 2020ގެ ތީމަކީ “ކަނެކްޓިން މައިންޑްސް އެންޑް ކްރިއޭޓިން ދަ ފިއުޗަ” އެވެ. މި ތީމު ބިނާވެފައި ވަނީ ދެމެހެއްޓެނިވިކަމާއި، އީޖާދީކަން އަދި ދުނިޔޭގެ ކަންކޮޅުތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ. ހަ މަހުގެ މުއްދަތައް ކުރިއަށްދާނެ މި އެކްސްޕޯގައި ދުނިޔޭގެ 192 ގައުމަކުން ބައިވެރިވެއެވެ. ރައީސްގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެގައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!