ރާއްޖެގައި ކޮވިޑް-19އަށް ވެކްސިން ދެނީ --- ސަން ފޮޓޯ/ފަޔާޒް މޫސާ

ކޮވިޑް-19އާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް އިތުރު ދެ މިލިއަން ޑޮލަރު ފޯރުކޮށްދެނީ

ކޮވިޑް-19އާ ގުޅިގެން އަވަސް އެހީގެ ގޮތުގައި އެމެރިކާއިން ރާއްޖެއަށް އިތުރު ދެ މިލިއަން ޑޮލަރު ފޯރުކޮށްދޭނެ ކަމަށް އިއުލާން ކޮށްފިއެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރުއާއެކު އެމެރިކާ އެމްބަސީން ބޭއްވި ބައްދަލުވުމެއްގައި އިއުލާންކުރި ގޮތުގައި އެ ފައިސާ ދޭން ނިންމާފައި ވަނީ ޔޫއެސްއެއިޑް މެދުވެރިކޮށެވެ. ހެލްތު މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ގަތުމަށް ރާވާފައިވާ ޒަރޫރީ ތަކެތި ގަތުމަށާއި ލެބޯރެޓަރީތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ފައިސާ ބޭނުން ކުރާނެ ކަމަށެވެ. އަދި ކޮވިޑް-19 މެނޭޖްކުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށްވެސް އެ ފައިސާ ބޭނުންކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މީގެއިތުރުން އެ ފައިސާއަކީ ކޮވިޑް-19 ފެތުރޭ މިންވަރާއި އެ ބަލި ޖެހޭ މީހުންގެ އިތުރުން ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކުރާ މަސައްކަތަށް ލިބޭ އިތުރު ބާރެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. އެމެރިކާއިން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ މިޝަން ޑިރެކްޓަރު، ޑެބްރާ މޯސެލް ވިދާޅުވީ އެގައުމުން ދަނީ ދިވެހި ރައްޔިތުންނާ ގުޅިގެން ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށެވެ. “މި އިތުރު ދެ މިލިއަން ޑޮލަރުގެ އެހީ ރާއްޖޭގެ އެކި ރަށްތަކާ އަތޮޅުތަކަށް ފޯރާ، ކޮވިޑް-19ގެ ގެއްލުން ކުޑަކުރުމަށް އެހީވެ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ބަލި މީހުންނަށް ފަރުވާ ދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީވާނެ،” އޭނާ ވިދާޅުވިއެވެ. ހެލްތު މިނިސްޓްރީން ކަންކަން ނިންމާއިރު ކޮވިޑް-19 ވެކްސިންގެ ތަފާސްހިސާބުތައް ދިރާސާކުރުމުގައި އެ ފައިސާގެ ބޭނުން ހިފާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި ކުދި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އާބާތުރަ ފިލުވައި ބަލި މީހުންނަށް ފަރުވާދިނުމާއި ބައެއް ދިވެހިން ވެކްސިން ޖެހުމަށް ފަސްޖެހޭ ސަބަބު ދެނެގަނެ، އެކަމަށް ހައްލު ހޯދައި ދިނުމަށްވެސް މަސައްކަތް ކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ތަމްރީނު ދިނުމަށާއި، ޓެލެމެޑިސިން ބޭނުންކޮށްގެން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކޮވިޑް-19 މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ވެސް ހެލްތު މިނިސްޓްރީން ވަނީ ނިންމާފައެވެ. ރާއްޖޭގައި ކޮވިޑް-19 ބަލިމަޑުކަން އެންމެ ހަލުވިކޮށް ފެތުރެމުން ދިޔަ ދުވަސްވަރުވެސް އެމެރިކާއިން ވަނީ ރާއްޖެއަށް އަވަސް އެހީގެ ގޮތުގައި ހަތް މިލިއަން ޑޮލަރަށް ވުރެ ގިނަ އެހީ ފޯރުކޮށްދީފައެވެ. އަދި 60 ވެންޓިލޭޓަރުވެސް ހަދިޔާ ކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!