ހިތަދޫ ވިޔަފާރި ބަނދަރު: ހުރިހާ ޕޯޓެއްގައި ވެސް ޓެރިފް ޗާޖު ކުރަނީ އެއްވަރަކަށް ކަމަށް އެމްޕީއެލްއިން ބުނޭ -- ފޮޓޯ: އެޗްޕީއެލް

ހުރިހާ ޕޯޓެއްގައި ވެސް ޓެރިފް ޗާޖުކުރަނީ އެއްވަރަކަށް: ޝަރީފް

ރާއްޖޭގެ އެކި ޕޯޓުތަކުގައި އެކި މިންވަރަށް ޓެރިފް ޗާޖު ނުކުރާ ކަމަށް އެމްޕީއެލް ބޯޑްގެ ޗެއާމަން މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޭނާއާ އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އެމްޕީއެލްއިން ހިންގާ އައްޑޫ ހިތަދޫ ބަނދަރުގައި ބޮޑު ޓެރިފްއެއް ނަގާ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެފައި ވާތީ އެކަމާ ގުޅޭ ގޮތުން ޝަރީފްއާ ރޭ ސުވާލުކުރި އެވެ.

ޝަރީފް ވިދާޅުވީ އެމްޕީއެލްއިން މެނޭޖުކުރާ މާލޭ ޕޯޓާއި، އައްޑޫ ހިތަދޫ އަދި ކުޅުދުއްފުށީ ޕޯޓުގައި ވެސް ބޭނުން ކުރަނީ އެއް ޓެރިފް ރޭޓެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރޭޓަކީ މެނޭޖްމަންޓުން ހަމަ ބޭނުންވުމުން ބަދަލުގެނެވޭނެ އެއްޗެއް ނޫން ކަމަށާއި އެ ކަމުގައި ވަކި އުސޫލެއް ގެންގުޅޭ ކަމަށެވެ. އަދި ބޯޑުން އަމަލުކުރާ ގޮތް ސަރުކާރަށް އެނގޭނެ ކަަމަށެވެ.

“އެ ޓެރިފް ތައްޔާރުކޮށް ކޮމިޓީތަކުން ފާސްކޮށް އެ ޓެރިފް ގެންނާނެ ބޯޑަށް. ގެނައިމަ ބޯޑުން ޑިސްކަސްކޮށްފައި ބޯޑުން ފާސްކުރާނީ. ކުޅުދުއްފުށީ ޕޯޓާ، މާލޭ ޕޯޓާ އައްޑޫ ޕޯޓަށް ހަމަ އެއް ޓެރިފަކުން އަޅުގަނޑުމެން ޗާޖު ކުރަނީ. ހުރިހާ ޗާޖެއް ވެސް. އަނެއްކާ އަޅުގަނޑުމެން ބޯޑުން ފާސްކޮށްފަ އޭގެ ކޮޕީ އަޅުގަނޑުމެން ފޮނުވަން ފިނޭންސް މިނިސްޓްރީއަށް ވެސް.” ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެމްއެސްއެމް އުފެދުނީއްސުރެ ވެސް އެ ކުންފުންޏާ އެމްޕީއެލްއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި އަދި އެ އެކުންފުންޏަށް ކްރެޑިޓް ފެސިލިޓީ ވެސް ދީފައިވާ ކަަމަށެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގައި ކޮމިޓީގައި އެމްއެސްއެމްގެ އެމްޑީ ސައީދު ވިދާޅުވީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑުއާ ދެމެދު އޮޕަރޭޓްކުރާ އާގު ބޯޓުން އައްޑޫ ބަނދަރަށް ގެންދާ މުދަލުގެ އަގު އާންމު އަގުތަކަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. އަދި އަގުތަކަށް ބަދަލު ގެނެސްފައިވާ މައިގަނޑު ސަބަބަކީ ބަނދަރު ހިންގާ އެމްޕީއެލް އިން ހިދުމަތަށް ނަގާ އަގު މާ ބޮޑުވުމުން ކަމަށެވެ.

ނަމަވެސް ރޭ އެމްޕީއެލްގެ ބޯޑުގެ ޗެއާމަން ވިދާޅުވީ މުދަލުގެ އަގު ބޮޑު ވަނީ މުދާ ގަންނަ ފަރާތުން މުދާ ބޯޓުން ބޭލުމަށް ހިނގާ ހަރަދާއި ފްރައިޓަށް ދައްކަން ޖެހޭ ފައިސާ މުދަލުގެ ވެރި ފަރާތުން އެމްޕީއެލްއަށް ދައްކަން ޖެހޭތީ ކަމަށެެވެ.

“މުދާ ގެންނަ ފަރާތްތަކަށް އޮޅިފައި މި އޮންނަނީ. އެ ބޭފުޅުން [އެމްއެސްއެސްއިން] އެމްޕީއެލްއަށް ދައްކަން ޖެހޭ ސްޓީވަޑޯރިން ޗާޖު މި އޮންނަނީ ކަސްޓަމަރުންގެ ބޮލުގައި އަޅުވާފައި. އަޅުގަނޑުމެންނަށް [އެމްޕީއެލްއަށް] މި އަންގަނީ ކަސްޓަމަރު އަތުން އެ ފައިސާ ނަގާށޭ. އެެހެންވީމާ ކަސްޓަމަރުންގެ އަތުން ފްރައިޓްވެސް ދައްކާފަ އަނެއްކާ އޭގެ އިތުރަށް ސްޓީވަޑޯރިން ފައިސާވެސް ކަސްޓަމަރުން އެމްޕީއެލްއަށް ދެއްކީމަ މުދަލުގެ އަގު ކަސްޓަމަރުންނަށް ބޮޑުވެގެން އެބަދޭ.” ޝަރީފް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!