އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޒު، ނާއިބަކަށް އުޝާމް

ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާއި ގުޅިގެން އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އަބްދުﷲ ރިޔާޒު ހަމަޖައްސަވައިފި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ތިން މެމްބަރަކު އެމްއެންޕީއާ ގުޅި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ވުމާއެކު އެމްއެންޕީ އާއި އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ތިން މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ވެސް މިހާރު ހިމަނައިފައިވާ ކަމަށެވެ.

އެމްއެންޕީއާ މަޖިލީހުން ގުޅިވަޑައިގަތީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

އެ ޕާޓީން ބުނީ އެމްއެންޕީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އަބްދުﷲ ރިޔާޒު އަދި ނާއިބު ލީޑަރަކަަށް އުޝާމް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެމްއެންޕީގައި ހިމެނޭ މަޖިލިސް މެމްބަރުންގެ އަދަދު ޖުމްހޫރީ ޕާޓީއާ މިހާރު ވަނީ އެއްވަރުވެފަ އެވެ. އަދި ޕީޕީއެމް / ޕީއެންސީ ކޯލިޝަންގައި ނުވަ މެމްބަރުން ހިމެނޭ އިރު އެމްޑީއޭގައި ދެ މެމްބަރުން އަދި މިނިވަން މެމްބަރުންގެ ގޮތުގައި ފަސް މެމްބަރުން ތިއްބަވާނެ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގައި 65 މެމްބަރުން ތިއްބަވަ އެވެ.

އެމްއެންޕީ މަޖިލީހުން ބަލައިގަތުމާއެކު މަޖިލީހުގެ ކޮމިޓީތަކަށް އަންނަ ބަދަލުތައް ފާސްކުރުމަށް ހުށަހަޅުއްވާނެކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީފަދަ ބައެއް ކޮމިޓީތަކުގައި ހުރިހާ ޕާޓީއެއްގެ މެމްބަރު ޝާމިލްވާން ޖެހެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!