11 ޖުލައި 2018: ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސްމަތިން: މުޅިއެކު 25 ބުރިއަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ މިހާރު މާލޭގެ ހުރި އެންމެ އުސް އިމާރާތް--ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ކުއްޔަށް ދޫކުރާ ތަންތަން މޮނީޓަރުކުރުމަށް ހާއްސަ ބޯޑެއް އުފައްދާގޮތަށް ކުއްޔަށް ދިނުމުގެ ބިލު ފާސްކޮށްފި

ދިރިއުޅުމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ހުރިހާ ތަނެއްގެ ދަފްތަރު އެކުލަވައިލާ ތަންތަން ބަލަހައްޓަން ހާއްސަ ބޯޑެއް އުފައްދާގޮތަށް ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި 49 މެމްބަރުންގެ ތެރެއިން 48 މެމްބަރުންގެ ވޯޓާއެކުއެވެ. މިއީ ސަަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގެ ދަށުން އުފެދިގެން އަންނަނީ ކުއްޔަށް ދޭ ތަންތަނުގެ މިންގަނޑު ބަލަހައްޓައި ޓެނަންސީ ބޯޑެކެވެ. ކުއްޔަށް ދިނުމާ ބެހޭ ބިލުގައި ބުނާ ގޮތުން، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭ ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރެއް އެޕްލިކޭޝަނެއް ނުވަތަ ވެބްސައިޓެއްގެ ގޮތުގައި އާންމުކުރަންޖެހެއެވެ. މީގެ އިތުރުން ވެސް ގިނަ ޒިންމާތަކެއް ވަނީ އެ ބޯޑާ މަތިކޮށްފައެވެ. މި ބިލަށް އަމަލުކުރަން ފެށުމުން ކުއްޔަށް ދޭ ތަންތަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް އެ ބޯޑަށް ގާނޫނީ ބާރުތައް ވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން މި ގާނޫނުގެ ދަށުން ވަނީ އެންމެ ދިގު މުއްދަތަކަށް ތަނެއް ކުއްޔަށް ދޫކުރެވޭނެ މުއްދަތެއްގެ ގޮތުގައި 10 އަހަރުގެ ގޮތުގައި މުއްދަތެއް ކަނޑައަޅާފައެވެ. ހަމައެއާއެކު ކުއްޔަށް ދޫކުރުމަށް އެއްބަސްވާ އެއްބަސްވުން ރަޖިސްޓްރީކުރަންޖެހޭނެކަމަށް ވެސް މި ބިލުގައި ބުނެއެވެ. ބިލުގައި ބުނާ ގޮތުން ކުއްޔަށް ދިނުމަށްވާ އެއްބަސްވުން ރަޖިސްޓްރީކުރުމަށް އެ ތަނެއްގެ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލަށް ހުށަހަޅަންޖެހެއެވެ. ރަޖިސްޓްރީކުރުމަށް ޓަކައި އެއްބަސްވުމުގެ ތިން އަސްލު ހުށަހަޅަންޖެހޭއިރު ހަތް ދުވަހުގެ ތެރޭ ރަޖިސްޓްރީކޮށްދޭން ޖެހެއެވެ. މި ބިލާއެކު ގެދޮރު ކުއްޔަށް ދޫކުރުމުގައި މިހާރު ދިމާވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް ފަސޭހަވެގެންދާނެެއެވެ. އަދި ގާނޫނެއްގެ ތެރެއިން ގެދޮރު ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!