ނައިބް ރައީސް ފައިސަލް ނަސީމް ފުވައްމުލަކުގެ ސްކޫލަކަށް ވަޑައިގެން ދަރިވަރުންނަތަކަކާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސްފުވައްމުލަކުގައި ހިނގާ މަޝްރޫއުތައް ބައްލަވާލެއްވުމަށް ސައިކަލެއްގައި ނައިބް ރައީސް ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކުގައި މިސްކިތެއްގެ ބިންގާ އަޅުއްވައިދެއްވައިފި

ފުވައްމުލަ ސްކޫލް އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށް ބޭނުންވާ އިމާރާތާއި މިސްކިތެއްގެ ބިންގާ ނައިބް ރައީސް ފައިސަލް ނަސީމު އަޅުއްވައިދެއްވައިފި އެވެ.

މަސްޖިދުލް ހުދާގެ ނަމުގައި އަޅަން ނިންމާފައިވާ 450 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ ނައިބް ރައީސް އަޅުއްވައި ދެއްވީ މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ.

މިރަސްމިއްޔާތަށްފަހު ނައިބް ރައީސް ވަޑައިގަތީ ފުވައްމުލަކު ސްކޫލަށެވެ. މި ޒިޔާރާތުގައި އެ ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް އިތުރަށް ބޭނުންވާ ކްލާސްރޫމް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވި އެވެ.

މި ދެ ރަސްމިއްޔާތުގައި މައިގަނޑު ގޮތެއްގައި ނައިބް ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއުތަކަކީ ކޮލިޓީ ހިފެހެއްޓިގެން، އެންމެ ބޭނުންތެރި ގޮތަށް އެ މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންވާ ގޮތް ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ ސަރުކާރުން ރާއްޖޭގައި ތައުލީމަށްދޭ އިސްކަމުގެ ތެރެއިން ގެންގުޅޭ ވިސްނުމަކީ ސްކޫލްތަކުގައި ފަސޭހަކަމާއެކު ރަނގަޅު މާހައުލެއްގައި ކުދިންނަށް ކިޔަވައިދިނުމުގެ ފުރުސަތު ހޯދައިދީ އަދި މުވައްޒަފުންނަށް އެކަންކަން ކުރެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.

ފައިސަލް ނަސީމު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެމަނިކުފާނު ވަނީ ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލަށް ވަޑައިގެން، ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުންތަކުގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވަނީ ތައުލީމު ފޯރުކޮށްދޭން ތިއްބަވާ އެންމެހާ ފަރާތްތަކުން، ރަށުގެ މަސްލަހަތާއި ކުދިންގެ މުސްތަގުބަލު އެހެން ހުރިހާ ކަމެއްގެ މައްޗަށް އިސްކުރުމަށް އެދިވަޑައިގެންފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސްކޫލްތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުމާއި ސިޔާސަތުތައް ހިއްސާކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!