ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. އައިޕީޓީޕީގައި ބައިވެރިވާން މަޖިލީހުން ވަނީ ރުހުން ދީފައި-- ފޮޓޯ: މަޖިލިސް

އައިޕީޓީޕީގައި ބައިވެރިވާން މަޖިލީހުން ރުހުން ދީފި

ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ގްލޯބަލް ކައުންސިލް ފޯ ޓޮލަރެންސް އެންޑް ޕީސްގެ އިންޓަނޭޝަނަލް ޕާލިމަންޓް ފޯ ޓޮލަރެންސް އެންޑް ޕީސް (އައިޕީޓީޕީ)ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވާން މަޖިލީހުން ރުހުން ދީފި އެވެ.

އައިޕީޓީޕީގައި ބައިވެރިވާން މަޖިލީހުގެ އާންމު ކޮމިޓީން ކުރިން އޮތީ ރުހުން ދީފަ އެވެ. އަދި ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 48 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އައިޕީޓީޕީގައި ރާއްޖެއިން ބައިވެރިވާން މެދުވެރިއެއްގެ ބައި އަދާކުރެއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އެވެ.

މިއީ މީގެ ދެ މަސް ކުރިން ޔޫރަޕްގެ ގައުމެއް ކަމަށްވާ މޮންޓެނީގްރޯގައި އޮތް އައިޕީޓީޕީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ހޯއްދެވި ފުރުސަތެއް ކަމަށް ހުސައިން އަވަސް އަަށް ވިދާޅުވި އެވެ.

އައިޕީޓީޕީ އަކީ ގްލޯބަލް ކައުންސިލް ފޯ ޓޮލަރެންސް އެންޑް ޕީސްގެ ލެޖިސްލޭޓިވް ބޮޑީ އެވެ. އެ ބޮޑީ އުފެއްދީ 2017 ވަނަ އަަހަރު މޯލްޓާގަ އެވެ.

ގްލޯބަލް ކައުންސިލް ފޯ ޓޮލަރެންސް އެންޑް ޕީސްގައި ދުނިޔޭގެ 70 އަށް ވުރެ ގިނަ ޕާލިމަންޓް ހިމެނޭ އިރު އެ ޖަމިއްޔާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ދުނިޔޭގައި ސުލްހައާއި އަމަން އަމާންކަން ފެތުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.

މީގެއިތުރުން ހަރުކަށި ފިކުރާއި ބަލިމަޑުކަން ފަދަ މައްސަލަތަކުގައި ދައުލަތްތަކަށް އެއްބާރުލުން ދިނުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!