ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަތޮޅުތެރޭގައި އެންމެ އިސްކަމެއް ދެނީ ސިއްހީ ނިޒާމު ވަރުގަދަ ކުރަން: ނައިބު ރައީސް

ސަރުކާރުން އަތޮޅުތެރޭގައި އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޏ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް، ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސް ވިދާޅުވީ، އަތޮޅާއި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ހިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ގޮތް މަގުފަހިކުރުމަކީ މުޅި ސަރުކާރަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްކަމުގައިއެވެ. އަދި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ތަފާތު ގިނަ މަސައްކަތްތައް މިހާރު ވެސް ކުރަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނަށް ބަލާލާއިރު، ހާއްސަކޮށް މަތީ ފެންވަރުގެ ހިދުމަތްތައް ދޭ ހޮސްޕިޓަލުގެ ވަސީލަތްތައް ވަރަށް ބޮޑުތަން މިހާރު ވެސް އިތުރުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ފުވައްމުލަކު ހޮސްޕިޓަލުގެ އެކި ވަސީލަތްތަކުގެ ދަތިކަން ހުރި މިންވަރު ވަޒަންކޮށް، އެ ހޮސްޕިޓަލަށް މި ވަގުތަށް އިތުރުކުރެވޭ ބައިގައި ލެބޯޓްރީގެ ދަތިކަމަށް ހައްލެއް ހޯދުމުގެ އިތުރުން ސްޕެޝަލިސްޓް އޯޕީޑީގެ ހިދުމަތާ ސްޕެޝަލް ނީޑް ކުދިންނަށް ބޭނުންވާ ސްޕީޗް ތެރަޕީ ދިނުމަށް ހާއްސަ ބައެއް ހިމެނޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ޏ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް، ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުގެ އަމަލީ މަސައްކަތް ފެށުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!