ރަސްފަރި ފަރަށް އުރުނު ބޯޓު: ފަރަށް ލިބުނު ގެއްލުމުގެ ބަދަލަކަށް 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ކޮށްފި --- ފޮޓޯ: އަވަސް

ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 100 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

ކ. ރަސްފަރި ފަރަށް އާގު ބޯޓު އުރުނު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރަސްފަރި ފަރަށް އާގު ބޯޓު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގާވާއިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވައިދުގެ ދަށުން 100 މިލިއަން ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި އީޕީއޭއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިމަހުގެ 25 ގައި ވަނީ އަންގާފައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެ އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އާއި އެމްއެންޑީއެފާއި ގުޅިގެން އެ ސަރަހައްދު ބަލައި ސަރވޭކުރި ކަމަށާއި ބެލިބެލުމުން އެ ފަރުގެ 8867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 893,952,569.83 އެވެ.

ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށްވާތީ އެ އަދަދަށް ފައިސާ ދައްކާ ހަލާސްކުރުމަށް އެންގީ ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރަސްފަރީގެ ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ޝަރީއަތް މެދުވެރިކޮށް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކުގައި ވަނީ ފަށާފައި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ރަސްފަރި ފަރަށް އާގު ބޯޓު އުރުނީ 19 އޯގަސްޓްގަ އެވެ. އެ ބޯޓު ފުން ކުރީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ. ބޯޓު ފުންކުރީ 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެސް، އެ ބޯޓުތައް ބޭނުންކޮށްގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!