ރައީސް އިބްރާހީމް މުހައްމަދު ސޯލިހް. މުސްތަގުބަލް ހޯދުމަށް މަގު ޗާޓެއް ހަދަންޖެހޭ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުސްތަގުބަލް ހޯދުމަށް މަގު ޗާޓެއް ހަދަންޖެހޭ: ރައީސް

އެންމެންނަށްވެސް ދެމެހެއްޓެނިވި، ރައްކާތެރި، ހަމަހަމަ މުސްތަގުބަލެއް ހޯދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މަގު ޗާޓެއް ހަދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މަތީ ފަންތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން “ޑެލިވަރިން ކްލައިމެޓް އެކްޝަން – ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ”ގެ ނަމުގައި އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަބްދުﷲ ޝާހިދު، އިސްނަންގަވައިގެން ހިންގެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް ބައްލަވާލައްވާފަ އެވެ. އެގޮތުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ތެރެއިން ބޯކޮށް ވާރޭވެހި، ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ނޭދެވޭ އަސަރުތައް ހުރިހާ ގައުމަކަށްވެސް ކުރާ ކަމަށް ފާހަގަކުރެއްވި އެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ހުރިހާ ގައުމަކުންވެސް އިންގިލާބީ ބަދަލެއް ގެނެސް، މީހުން ދުނިޔޭގައި ދިރިއުޅުމަށް އެކަށީގެންވާ އެންމެ ރަނގަޅު ހާލަތުގެ ގޮތުގައި ބަޔާންކުރާ ހޫނުމިން ކަމުގައިވާ 1.5 ޑިގްރީއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސާއި އަދި ކުރިއަށް އޮތް ޖީ-20ގެ ބައްދަލުވުމުގައި މުޅި ދުނިޔެ ގުޅިގެން ދުނިޔޭގެ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ހަގީގަތުގައި ބޭނުންވަނީ ބޮޑެތި އިގްތިސާދުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށް ގަދައަޅައި މަސައްކަތްކުރަން ކަމަށް ފާހަގަކުރެއްވި އެވެ. ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތަކީ ހަމައެކަނި ކުރިމަތިވާ ކަންބޮޑުވުންތަކުގެ ދެބައިކުޅަ އެއްބައި މަސައްކަތް ކަމުގައިވެސް ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހުރިހާ ގައުމަކުން އެއްބައިވެގެން މަސައްކަތްކުރުމަށް ބާރުއަޅުއްވަމުން ރައީސް ވިދާޅުވީ 2030 ވަނަ އަހަރާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަގްވާމީ އެހީތެރިކަމާއެކު ހާސިލްކުރެވިދާނެ ލަނޑުދަނޑިއެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ސަބަބުންނާއި، އެހެނިހެން ސަބަބުތަކާ ހުރެ ކުދި ގައުމުތަކަށް ކުރިއަށް ދިއުމަށް އުނދަގޫތަކެއް ހުރިކަން ފާހަގަކުރައްވާ އެހެން ގައުމުތަކުން އެހީތެރިވުމަށްވެސް އެދިވަޑައިގެންފަ އެވެ.

ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސް ވަނީ އދ.ގެ 76 ވަނަ އާންމު މަޖިލީހަށް ދިވެހި ކުޑަކުދިން ފޮނުވާފައިވާ ސިޓީތަކުގައި ލިޔެފައިވާ އިބާރާތްކޮޅު ކަމަށްވާ “އެކުދިންގެ ތިމާވެށި އަންނަން އޮތް ޖީލަށް ރައްކާތެރިކޮށްދިނުމަށް” އެދިވަޑައިގެންފަ އެވެ. މިއަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލު އެދޭގޮތަށް ދުޅަހެޔޮ، ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށް ރައީސް ވަނީ ބާރުވެސް އަޅުއްވާފަ އެވެ.

ޝާހިދު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ މަތީފަންތީގެ ބައްދަލުވުން އަމާޒުކޮށްފައިވަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް ބޭނުންވާ ފަންނީ އަދި މާލީ ފަރަގު ފޫބެއްދޭނީ ކިހިނެތްތޯ ބެލުމަށެވެ. މިބައްދަލުވުމުގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް އެއްފަހަރާ ފިޔަވަޅު އަޅައި އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކުރެވޭނެ އެންމެ ރަނގަޅު ގޮތް ހޯދުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!