ހިޔާނާތުގެ ތަހުގީގު ނިންމަން އިތުރު 12 މުވައްޒަފުންނާއި ހަތަރު މިލިއަން ރުފިޔާ ބޭނުންވޭ: އޭސީސީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު އަވަހަށް ނިންމަން އިތުރު12 މުވައްޒަފުންނާއި ހަތަރު މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މިއަދު ވާހަކަދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ. އެ ތަހުގީގުގައި މައްސަލައާއި ގުޅުން ހުރި 338 ފަރާތެއްގެ މައްސަލަ ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ. ޝިއުނާ ވިދާޅުވީ އެމީހުންގެ ތެރެއިން މިހާތަނަށް ނިމިފައި އޮތީ އެންމެ 38 މީހެއްގެ މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައު އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ އެހުރިހާ މައްސަލަތަކެއްގެ ތެރެއިން ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް އަށް މަސްދުވަސް ހޭދަވެ އެވެ. އެހެންވެ އެ މައްސަލަތައް އަވަސް ކުރުމަށް އިތުރު މުވައްޒަފުން ބޭނުންވާކަމަށާއި ގާތްގަނޑަކަށް އިތުރު12 މުވައްޒަފުން ބޭނުންވާ ކަމަށެވެ. ޝިއުނާ ވިދާޅުވީ މުވައްޒަފުން އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭސީސީން ބޭނުންވާ ސްޕީޑުގައި އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިޔަށް ގެންދިއުމަށް އިތުރު ހަތަރު މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އެކަމަކު އެ ހަތަރު މިލިއަން ރުފިޔާ ބޭނުންވާ ސަބަބު އިތުރަށް ސާފުކޮށްދީފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!