ގދ. ހޯޑެއްދޫއާއި މަޑަވެލި ގުޅާލާފައިވާ ކޯޒްވޭ

އެއްފަސްކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން: ހޯޑެއްދޫ ކައުންސިލް

ގދ. މަޑަވެއްޔާއި ހޯޑޭއްދޫ އެއްފަަސްކުރާނަމަ އެކަމުގައި ގޮތެއް ނިންމަން ވާނީ ދެ ރަށުގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނަގައިގެން ކަމަށް ހޯޑެއްދޫ ކައުންސިލުން ބުނެފި އެވެ.

ހޯޑެއްދޫ ކައުންސިލުން މިހެން ބުނެފައި މިވަނީ ހޯޑެއްދޫއާއި މަޑަވެލި އެއްފަސްކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ގޮވާލައި މަޑަވެލި ކައުންސިލުން އިއްޔެ ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.

ގަރާރުގައި ބުނެފައިވަނީ މަޑަވެއްޔާއި ހޯޑެއްދޫ އެއްފަސްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި ނަމަވެސް މިހާތަނަށްވެސް އެ ވައުދު ފުއްދާފައި ނުވާ ކަމަށެވެ. މަޑަވެއްޔަކީ ބިން ދަތި ރަަށަކަށް ވެފައި އެއް ގޯއްޗެއްގައި ގިނަ އާއިލާތަކެއް އުޅެމުންދާ ރަށަކަށް ވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި މަޑަވެލި ހޯޑެއްދޫ އެއްފަސްކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް ވެސް ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

މިގަރާރާ ގުޅިގެން އަވަސް އިން ސުވާލުކުރުމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ މަޑަވެލި ކައުންސިލުން ފާސްކުރާނެ ގަރާރެއް އެނގޭނީ އެ ކައުންސިލަށް ކަމަށާއި އެކަމަކު ދެ ރަށުގެ ރައްޔިތުން އެއްފަސް ކުރާނަމަ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ނުބަލައި އެއްވެސް ބަޔަކަށް އެކަމުގައި ގޮތެއް ނުނިންމޭނެ ކަމަށެވެ.

“އަޅުގަނޑުމެންނަށް، މި ކައުންސިލަށް ވެސް ގަރާރެއް ފާސްކުރެވިދާނެ. އެކަމަކު އެއަށް އަމަލުކުރަން ގޮތް ނިންމަން ތިބޭނީ ރައްޔިތުން. އެހެންވީމާ ކައުންސިލުން ގޮތްތަކެއް ނިންމުމުގެ ކުރިން ރައްޔިތުންގެ ވިސްނުން އެކަމުގައި ހުރި ގޮތް ބަލަންޖެހޭ،” ވާރިޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވައުދުވީ ހޯޑެއްދޫ އާއި މަޑަވެލި އެއްފަސްކުރަން ނޫން ކަމަށާއި މިހާރުވެސް އޮތް ގޮތަށް ކޯޒްވޭ އަކުން ގުޅާލުމަށް ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގެ މެނިފެސްޓޯގައި އޮތީ ޖަޒީރާ ރާއްޖެއެއް ގޮތަށް ކޮންމެ ރަށެއް ވަކިން ތަރައްގީކުރަން ކަމަށްވެސް ވިދާޅުވި އެވެ.

“މިހާރު ސަރުކާރުން ސޮއި ކުރަން ތައްޔާރުވަމުންދާ ކޯޒްވޭ އަކީ ކުރިން އޮތް ކޯޒްވޭ ތަކާ ތަފާތު ކޯޒްވޭ އަކަށް ވާނެ. ކުރިން އޮތީ ހުސްވެލި އަޅައިގެން މާބޮޑު ރައްކާތެރިކަމެއް ނެތް ގޮތަށް ހަދާފައި އޮތް ކޯޒްވޭ އެއް. އަލަށް މިހަދަން އުޅޭ ކޯޒްވޭގެ ސަބަބުން ކުރިން ދެ ރަށަށް ވެސް ލިބެމުން ދިޔަ ތިމާވެށީގެ ގެއްލުންތައް ކުޑަވާނެ ކަަމަށް ބެލެވެނީ،” ވާރިޝް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެ ރަށުގެ ވެސް އާންމު ރައްޔިތުން ބޭނުންވަނީ ދެ ރަށް ކޯޒުވޭ އަކުން ގުޅާލައިގެން ދެ ރަށަށް ވެސް އިގްތިސާދީ ފައިދާ ލިބޭ ފަދަ ފުުރުސަތުތަކެއް ކަމަށެވެ.

ގދ. މަޑަވެއްޔާއި ހޯޑެއްދޫ އޮންނަނީ ކޯޒްވޭއަކުން ގުޅާލާފަ އެވެ. ނަމަވެސް މިވަގުތު އެ ކޯޒްވޭ އޮތީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކަނޑާލާފަ އެވެ. އެކަމަކު މިއަދު އަލުން ކޯޒްވޭގެ ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރާނެ ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ހަރުދުކޮށްގެން ހެދި މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ 2018 ވަނަ އަހަރުވެސް ހޯޑެއްދޫ ރައްޔިތުން ނިކުމެ ކަނޑާލި އެވެ. އަދި އޭގެ ފަހުން އެ ކޯޒްވޭ އަލުން މަރާމާތުކޮށް ގުޅުވާލިފަހުން މިިދިޔަ އޮގަސްޓު މަހު ވަނީ ކޯޒްވޭގެ ހޯޑެއްދޫ ސަަރަހައްދުން ބައެއް އަނެއްކާވެސް ކަނޑާލާފަ އެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ މަހު ބުނީ އަލުން ކޯޒްވޭ ހަދާނީ އުދައެރުމުގެ މައްސަލައަށް ރިއާޔަތްކޮށް އެ މައްސަަލަތަކަށް ހައްލު ގެނެވޭފަދަ ގޮތަަކަށް ބަލައި މުޅިން އާ ޑިޒަައިނަކަަށް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!