މީމު އެއާޕޯޓްގެ ފަޔާ ބިލްޑިންގެ މަސައްކަތް އެމްޓީސީސީން ފަށައިފި --- ފޮޓޯ: އެމްޓީސީސީ

މީމު އެއާޕޯޓްގެ އިމާރާތްތަކުގެ މަސައްކަތް ފަށައިފި

މ. މުލީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓްގައި ހިދުމަތް ދިނުމަށް ބޭނުންވާ އިމާރަތް ތަކުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެގޮތުން އެމްޓީސީސީން މިހާރު ވަނީ އެއާޕޯޓްގެ ފަޔާ ބިލްޑިންގްގެ މަސައްކަތް ފަށާފަ އެވެ. އެ އިމާރާތުގެ ފައުންޑޭޝަން މަސައްކަތާއި ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. މި މަސައްކަތްތައް އަންނަ ހަފްތާ ތެރޭގައި ނިންމާ، އިމާރާތް ރޭނުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން މުލީގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

މިމަސައްކަތުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓެކްސީވޭއަކާއި، އޭޕްރަންގެ އިތުރުން ޓާމިނަލެއް ވެސް ހަދާނެ އެވެ.

މީމު އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ށ. އަތޮޅު ބިލަތްފަހި، ރ. އަލިފުށި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!