ރައީސުލްޖުމްހޫރިއްޔާ ދުބާއީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވިލިއަން ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދުބާއީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވިލިއަން ބައްލަވާލައްވައިފި އެެވެ. ރައީސް ސާލިހު މި ޕަވިލިއަން ބައްލަވާލެއްވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކުގަ އެވެ. އެކްސްޕޯގައި ރާއްޖޭގެ ޕެވިލިއަން ޤާއިމުކޮށްފައި ހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގަ އެވެ. އަދި ރާއްޖޭގެ ޕެވިލިއަން ހަދާފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚާއި، ޘަޤާފަތާއި، ގުދުރަތީ ދިރުންތަކާއި، ކެއުންތަކާއި އަދި އާރޓްސް، ވިޜުއަލް އާރޓްސްގެ ޒަރީއާއިން ތަޖުރިބާކޮށްލެވޭ ގޮތަށެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަންކޮށް އުންމީދީ މުސްތަޤްބަލަކަށް އެދި ޒަމާނުއްސުރެ އަދި މިހާރުވެސް ރާއްޖެއިން ވަކާލާތު ކުރަމުންގެންދާ މަސައްކަތްތައްވެސް ރާއްޖޭގެ ޕެވިލިއަންގެ ތީމުގެ ތެރޭގައި ހިމަނާފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔޫ.އޭ.އީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!