ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމާއި އޮފިޝަލުން. ޓީމު މިއަދު ބައްދަލުކުރި ފުރަތަމަ މެޗުގައި ވަނީ ބަލިވެފައި

ފުރަތަމަ މެޗުގައި ޒުވާން ޓީމު ބަލިވެއްޖެ

އޭއެފްސީ ތޭވީސް އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.

ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ހޯސްޓް ކުރާ ބަހްރޭންގައި ކުޅުނު މެޗުގައި ރާއްޖޭގެ ޓީމު މިއަދު ވާދަކުރީ އިރާގުގެ ގައުމީ ޓީމާ އެވެ. ރާއްޖެ ބަލިވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

ރާއްޖެ ހިމެނޭ ގުރޫޕް ސީގެ މެޗުތައް މިމަހުގެ 27 އިން 31 އަށް ކުރިއަށްދާއިރު ރާއްޖެއާއި އިރާގުގެ އިތުރުން ގުރޫޕްގައި ދެން ހިމެނެނީ ބަހްރޭނާއި އަފްޣާނިސްތާނެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި މިމަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ބައްދަލުކުރާއިރު ތިންވަނަ މެޗުގައި އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ކޮލިފައިން މެޗްތައް ކުރިއަށް ދަނީ 11 ގުރޫޕަކަށް ބަހާލައިގެން ކަމަށްވާތީ ކޮންމެ ގުރޫޕަކުން އެންމެ މޮޅު ޓީމު މުބާރާތަށް ކޮލިފައިވާނެ އެވެ. ކޮންމެ ގުރޫޕަކުން ދެވަނައަށްދާ ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ވެސް މުބާރާތަށް ކޮލިފައިވާނެ އެވެ. އޭއެފްސީ ތޭވީސް އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަންނަ އަހަރު ކުރިއަށްދާނީ އުޒްބަކިސްތާނުގަ އެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު މިމަހުގެ 18 ވަނަ ދުވަހު ބަހްރޭނަށް ފުރިއިރު ގައުމުން ބޭރުގައި ވާދަވެރި އެއްވެސް މެޗެއް ކުޅެފައެއް ނުވެ އެވެ. އެކަމަކު ޓީމު ބަހްރޭނަށް ފުރުމުގެ ކުރިން ޅ. އަތޮޅުގައި ކޭމްޕްކޮށް ހަ މެޗެއް ކުޅެފައިވެ އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގައި ކުޅޭ 23 އަހަރުން ދަށުގެ ޓީމުގައި ސީނިއާ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ހިމެނެ އެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ކުޅުންތެރިޔަކީ ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އާއި، ސީނިއާ ޓީމުގެ ބަދަލު ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) އެވެ.

މި ޓީމުގެ ކެޕްޓަނަކީ ވެސް ހައިޝަމް އެވެ. ކޯޗަކީ ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ސީނިއަ ޓީމުގެ ކޯޗަކަށް ހުންނެވި އަލީ ސުޒޭން އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!