ކޮވިޑް-19ގެ ސަބަބުން މުޖުތަމަޢުގައި އޮންނަން ޖެހޭ ހަމަހަމަކަންވަނީ ގެއްލިފަ: ޝާހިދު

ކޮވިޑް-19ގެ ސަބަބުން މުޖުތަމަޢުގައި އޮންނަން ޖެހޭ ހަމަހަމަކަންވަނީ ގެއްލިފައިކަމަށް އދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އެެމަނިކުފާނު މިހެން ވިދާޅުވީ މިއަދުފާހަގަކުރާ ޔުނައިޓެޑް ނޭޝަންސް ދުވަހުގެ މުނާސަބާގައި ދެއްވި މެސެޖުގަ އެވެ. އ.ދ. ގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް މަލްޓިލޭޓަރަލިޒަމް އާއި ޑިޕްލޮމަސީއަށް ރާއްޖެއިން ކުރާ އިތުބާރު ދަމަހައްޓާނެކަމުގެ ޔަގީންކަން މި މެސެޖުގައި ޝާހިދުވަނީ އަރުވާފަ އެވެ. “އ.ދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހުރިހާ މެމްބަރު ގައުމުތަކާއި ގުޅިގެން އަދި މަލްޓިލޭޓަރަލިޒަމްގެ ރޫޙު ދަމަހައްޓައިގެން އަޅުގަނޑުމެން މި މަސައްކަތްކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޓެރަރިޒަމާއި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް.” ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ވެސް ކުރައްވާ ޢަބްދުﷲ ޝާހިދު ވިދާޅުވި އެެވެ. މިނިސްޓަރުގެ މެސެޖުގައި އިތުރަށް ވިދާޅުވީ އެންމެންނަށްވެސް އުފާވެރި މުސްތަޤްބަލެއް ލިބޭނެކަމުގެ އުއްމީދުގައި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއާއި ޢަދުލު އިންޞާފާއި ހަމަހަމަކަން ހުރިހާ ޤައުމުތަކަށް ވެސް ހޯދައިދިނުމުގެ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް އދ.އާއި އެކު ސާބިތުކަންމަތީ މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ރާއްޖެއިން އ.ދ.އާ ގުޅުނީ 1965 ވަނަ އަހަރު ކަމަށާއި އޭރު އެންމެ ކުޑަކޮށް ތަރައްގީވެގައިވާ ގައުމުތަކުގައި ތެރޭގައި އަދި ގައުމުތަކުން އެންމެ ފުރަތަމަ އދ. އާއި ގުޅުނު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވީނަމަވެސް، ދިވެހިރާއްޖެއަކީ އ.ދ ގައި ޙަރަކާތްތެރި ޤައުމެއް ކަމަށާއި އަދި އދ. ގެ 76 ވަނަ  އާއްމު މަޖިލީހުގެ ރައީސްކަމަށް ދިވެހިރާއްޖޭގެ ކެނޑިޑޭޓް އިންތިޚާބުކުރުމުން، ބައިނަލްއަގުވާމީ މުޖުތަމައުއިން ދިވެހިރާއްޖެއަށް ކުރާ އިތުބާރު ހާމަވާ ކަމަށެވެ. “ދިވެހިރާއްޖޭގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި އަޅުގަނޑު މަސައްކަތް ކުރުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް. މިއީ އެއްވެސް މީހަކު ބާކީ ނުވާ، ރައްޔިތުންނާއި މުޅި ދުނިޔޭގެ ފާގަތިކަމަށް އޮތް އުންމީދީ ރިޔާސަތެއްކަމުގެ ޔަގީންކަން މެމްބަރު ހުރިހާ ގައުމުތަކަށްވެސް އަރުވަން.” މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ. ޝާހިދުގެ މެސެޖުގައި ވިދާޅުވެފައިވަނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، އެޖެންޑާ 2030 އާއި ޕެރިސް އެގްރީމެންޓްގައިވާ ލަޑުދަނޑިތައް ކާމިޔާބުކުރެވޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެއްބައިވަންތަކަމާއި މަލްޓިލޭޓަރަލިޒަމްގެ ރޫޙު ދަމަހައްޓައި، މި ގޮންޖެހުންތަކުން އަރައިގަނެ އަންނާން އޮތް ޖީލުތަކަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދެވޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!