ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ

ލޯނަކަށް އެއްފަހަރާ ފައިސާ ދެއްކުމުން ފައިދާ ބިލިއަނަކަށް

ނުދައްކައި އޮތް ލޯނަކަށް އެއްފަހަރާ ފައިސާ ދެއްކުމުން މިއަހަރުގެ ތިން ވަނަ ކުއާޓާގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިދާ ބިލިއަނަކަށް އަރައިފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބޭންކު މިވަގުތު އޮތީ އަންދާސާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ ކުއާޓާއާ އަޅާބަލާއިރު 108 ޕަސެންޓް އިތުރު އަދަދެއް ކަމަށް ޓިމް ވިދާޅުވި އެވެ.

“މިއީ އެވަރެޖްކޮށް ލިބޭ ވަރަށް ވުރެ ބޮޑު ފައިދާއެއް. އަދި މިއީ ދައްކަންޖެހި ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ލިބުނު ފައިސާ އިން ނިކުތް ނަތީޖާއެއް. އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިދިޔަ ކުއާޓަރާ އަޅާބަލާއިރު ނަތީޖާވެސް ރަނގަޅު އަދި އުއްމީދަކީ މިއަހަރު ނިމެންދެންވެސް މި ކާމިޔާބީ ދެމެހެއްޓިގެންދާނެ ކަމަށް. ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި އަޅުގަނޑުމެންގެ މުޖުތަމައަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ،” ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒް ކުރުމަކީ އަދިވެސް އެންމެ މުހިއްމު އިސްކަންދޭ އެއް ކަންތައް ކަމަށެވެ. ބޭންކުގެ ސްރެޓަޖީއަކީ އެކުލަވާލައިފައިވާ ޑިޖިޓަލް މަގުޗާޓާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭންކިން ހިދުމަތް ދިނުން ކަމަށެވެ.

ދާދި ފަހުން ކޮންޓެކްޓް ސެންޓަރަށް ގެނެވުނު އަޕްގްރޭޑާއި ތައާރަފް ކުރެވުނު ޑިޖިޓަލް ޕިން، އޮންލައިން ކާޑް ސާވިސް އަދި ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީ ކުރުން ފަދަ އޮންލައިން ހިދުމަތްތަކާ ގުޅޭ ގޮތުން ވެސް ޓިމް ވަނީ ވާހަކަދައްކަވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!