ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް---ފޮޓޯ: ފޭސްބުކް

ޖަލަށް ހުކުމް ކޮށްފައިހުރި ގައިދީއަކު މަރުވެއްޖެ

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން، ޖަލަށް ހުކުމް ކޮށްފައިހުރި ގައިދީއަކު ހާލު ދެރަވެގެން އާއިލާއާ ހަވާލުކުރިފަހުން ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދެމުން އަންނިކޮށް އޭނާ މަރުވީ ރޭގެ ވަގުތެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލަށް ލުމަށް ހުކުމް ކޮށްފައިހުރި އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު، އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރުމަށް ޓަކައި މިމަހުގެ 14 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ފަހުން، މިދިޔަ ހޯމަ ދުވަހު އޭނާ ބަލިވުމުން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާދޭން ފެށި ކަމަށެވެ. އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭން ފެށުމުން ވެސް އޭނާގެ ބަލިހާލަތު ހުރިގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އޭނާ އާއިލާއާ ހަވާލުކުރީ ކަމަށެވެ. ކަރެކްޝަންސް މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު “ސަން”އަށް ވިދާޅުވީ އޭނާ މަރުވީ ހުކުމް ތަންފީޒު ކުރުމަށް ޓަކައި ކަރެކްޝަނާ ހަވާލު ކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް ކަމަށެވެ. “އޭނާގެ ބަލި ހާލަތު ހުރިގޮތުން ހުކުމް ތަންފީޒު ކުރަން ގެނެވޭކަށް ނެތް. އެހެން ވެގެން ގާނޫނީ ގޮތުން ކަރެކްޝަނަށް ލިބިދޭ ބާރުގެ ދަށުން އާއިލާއާ ހަވާލުކުރީ. އޭނާ މަރުވީ އަޅުގަނޑުމެންނާ ހަމައަށް ގެނައުމުގެ ކުރިން،” ޔުޝްރީން ވިދާޅުވިއެވެ. “ސަން”އަށް މައުލޫމާތު ލިބުނު ގޮތުގައި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި ޖަލަށް ހުކުމްކޮށްފައިހުރި މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!