އއ. ތޮއްޑޫ، ފޮރިންވިލާ، ޖަމްޝާދު އަލީ ---

މަހުމޫދުގެ މަރު: ރައްޔިތުން ތުހުމަތު ކުރި ދެ މީހުން ބަންދުން ދޫކޮށްލައިފި

އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރުގެ މަރާ ގުޅުމެއްވާ ކަމަށް އެ ރަށުގެ ރައްޔިތުން ތުހުމަތު ކުރާ ދެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ. މަހުމޫދުގެ މަރާ ގުޅިގެން ދަނގެތީގެ ރައްޔިތުން ފުރަތަމަ ތުހުމަތު ކުރީ އެ ރަށުގައި ދިރިއުޅެމުން ދިޔަ، އއ.ތޮއްޑޫ، ފޮރިންވިލާ، އަލީ ޖަމްޝާދު، 31 އާއި ހަމަ އެ ގޭ ޝާރިހް އަލީ، 20 އަށެވެ. މަހުމޫދުގެ މަރުގައި އެ ދެ މީހުންގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވިގެން ދަނގެތީގެ ރައްޔިތުން އެ ދެ މީހުން ހޯދައި، ފުލުހުންނާ ހަވާލުކުރިއެވެ. އަދި ފުލުހުންގެ ހިމާޔަތުގެ ދަށުން، ޖަމްޝާދާއި ޝާރިހުގެ އިތުރުން އެ ދެ މީހުންނާ ގުޅުން ހުރި އަންހެނަކަށް ފުލުހުން ހިމާޔަތް ދިނެވެ. އެހެންނަމަވެސް މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކޯޓުން މުއްދަތު ޖަހައިފައިވަނީ ޑްރަގް ޓެރެފިކިންގެ މައްސަލައެއްގައިކަން “ސަން”އަށް ވަނީ މައުލޫމާތު ލިބިފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު “ސަން” އަށް ވިދާޅުވީ މި ދެ މީހުން ވެސް މިހާރު ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ. އެ މީހުން ދޫކޮށްލައިފައިވަނީ އިއްޔެއެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން މަހުމޫދު ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މެންދުރުފަހު 3:15 ހާއިރު ފަޅު ގޯއްޗެއްގައި ހުރި ފެންވަޅަކަށް ވައްޓާލާފައި އޮއްވައެވެ. ހަށިގަނޑު ފެނުނުއިރު އޮތީ ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ މުހައްމަދު ސާލިމް ކިޔާ ބަންގްލަދޭޝްގެ މީހެކެވެ. އަދި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. ސާލިމަކީ ދަނގެތީގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަމުން ދިޔަ މީހެކެވެ. އަދި އޭނާ ދިރިއުޅެމުން ދިޔަ ގެ ހުންނަނީ މަހުމޫދު މަރައިލައިފައި އޮތް ގޭގެ ބިއްދޮށުގައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!