ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް -- ފޮޓޯ: އަވަސް

ހިޔާ ފްލެޓް ރިޕޯޓަށް ފިޔަވަޅު އަޅާނަން: ރައީސް އޮފީސް

ހިޔާ ފްލެޓްތަކާ ގުޅޭ މައްސަލަތައް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ އެ ރިޕޯޓް ދިރާސާކޮށް ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްގައި ސަރުކާރުން މީގެކުރިން ވެސް ފާހަގަކުރަމުން ދިޔަ މައްސަލަތައް ވަރަށް ރަނގަޅަށް ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ސަރުކާރުން އެ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

“އޮޑިޓް ރިޕޯޓުގައި އެބަހުރި އަޅުގަނޑުމެން ސަރުކާރުން މިދައްކާ ވާހަކަތަކުގެ ކޮންފަމޭޝަންތައް. އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި ވާހަކަތައް އެހުރީ. އެބަ އެނގޭ ގޯސްކޮށް ކަންތައްތަކެއް ހުރިކަން” މަބްރޫކް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކާ ގުޅޭ ކަންކަން އޮޑިޓް ކޮށް މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނަރަލް ނެރުއްވި ރިޕޯޓްގައި ބުނެފައިވަނީ ހިޔާ ފްލެޓްތައް ކުރީގެ ސަރުކާރުން ކުއްޔަށް ދޭން ނިންމި ރޭޓުން ކުއްޔަށް ދީފިނަމަ ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ހިޔާ ފްލެޓެއް ކުއްޔަށް ދޭން ކަނޑައެޅީ މަހަަކަށް 6،600 ރުފިޔާ އަށެވެ. މި ސަރުކާރުން އެ ކުލި 11،000 އަށް ބޮޑުކުރުމަށް ފަހު ފާޑުކިޔުންތައް މާބޮޑަށް އަމާޒުވުމުން ކުލީގެ ގޮތުގައި ފަހުން ކަނޑައެޅީ 7،500 ރުފިޔާ އެވެ. އެ އަގު ހިސާބުކުރި ގޮތް ރިވިއުކޮށްދޭން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން އޮތީ އެދިފަ އެވެ.

އެ ހިސާބުތަށް ރިވިއުކުރުމަށް ފަހު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނީ މެއިންޓަނެންސް ހަރަދުގެ ގޮތުގައި 1000 ރުފިޔާ ހިމަނައިގެން އަށް ޕަސެންޓް އިންޓްރެސްޓާ އެކު 20 އަހަރަށް ބަހާލައިގެން ކުރިން ކަނޑައެޅި 11،000 ރުފިޔާއަކީ އެކަށީގެންވާ ރޭޓެއް ކަމަށެވެ. އަދި އެ ހިސާބު ހަދައިފައިވަނީ ހިޔާ މަޝްރޫއު ހިންގަން ނެގި ލޯނުތަކާއި، ރީފައިނޭންސިން އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި، ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިއާޔަތްކޮށް އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީއެމްއައި) މެތަޑް ބޭނުންކޮށްގެން ކަމަށެވެ.

ނަމަވެސް ނިމިގެން ދިޔަ ސަރުކާރުން އަގު ކަނޑައެޅީ އީއެމްއައި މެތަޑު ބޭނުންކޮށްގެން ނޫން ކަަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ކުރީ ސަރުކާރުން ކަނޑައެޅި ރޭޓުން –6،600 ރުފިޔާ މަހު ކުލީގެ ގޮތުގައި ދައްކައިފިނަމަ ފްލެޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މުޅި ހިޔާ މަޝްރޫއުގެ އަގަކީ 8.1 ބިލިއަން ރުފިޔާ އެވެ. އަދި ކޮންމެ ޔުނިޓަކަށް 1.1 މިލިއަން ރުފިޔާ ހޭދަވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 11،000 ރުފިޔާއަށް ފްލެޓްތައް ކުއްޔަށް ދީފިނަމަ 20 އަހަރުގެ ތެރޭގައި އެއްވެސް ޑިފޯލްޓެއް ނެތި ހަރަދުތައް ކެނޑުމުން ނެޓް ކޭޝްފްލޯގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ އެވެ. ނަމަވެސް މިހާރުގެ ރޭޓް 8500 ރުފިޔާއިން ކުއްޔަށް ދިނުމުން 138 މިލިއަން ރުފިޔާ ޑެފިސިޓް ވާނެ އެވެ. އަދި ކުރީ ސަރުކާރުން ކަނޑައެޅި 6600 ރުފިޔާގެ ރޭޓުން ނަމަ 9.2 ބިލިއަން ރުފިޔާ ޑެފިސިޓް ވާނެ އެވެ.

ކުރީ ސަރުކާރުން ފްލެޓްތަކުގެ އަގު ކަނޑައެޅީ އީއެމްއައި މެތަޑަށް ރިއާޔަތް ނުކޮށް ކަމަށްވާތީ ކުރިއަށް އޮތް ތަނުގައި މިފަދަ މަޝްރޫއުތަކުގައި އީއެމްއައި މެތަޑަށް ރިއާޔަތް ކުރުމަށް އޮޑިޓާ ޖެެނެރަލް ލަފާދީފައިވެ އެވެ.

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އެޅި އެެވެ. ކުރީ ސަރުކާރުން އޮތީ 7000 ފްލެޓް ދޭން ނަމަވެސް މި ސަރުކާރުން ވަނީ އެ މަޝްރޫއަށް ބަދަލު ގެނެސް އެންމެ ތިރީގައި ހުންނަ ފްލެޓްތައް ކޮމާޝަލް ޔުނިޓްތަަކަށް ބަދަލުކޮށް ފްލެޓްތަކުގެ އަދަދު 6720 އަށް ކުޑަކޮށްފަ އެވެ

ފްލެޓްތަކަށް މީހުން މަޑުމަޑުން ވަންނަމުންދާ އިރު 300 އަށް ވުރެ ގިނަ އާއިލާ މިހާރު ވަނީ އެ ތަނުގައި ދިރިއުޅެން ފަށައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!