ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މާދަމާ ދުބާއީ އަށް ވަޑައިގަންނަވާނެ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ދުބާއީއަށް ވަޑައިގަންނަވަނީ

ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް މާދަމާ ވަޑައިގަންނަވާނެ އެވެ.

ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ މި އެކްސްޕޯގައި އޮކްޓޫބަރު 25 ވަނަ ދުވަހަކީ ރާއްޖެ އަށް ހާއްސަކުރާ ދުވަހެވެ. ރައީސް ވަޑައިގަންނަވަނީ އެ ދުވަހާ ދިމާކޮށެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް މިމަހުން ފެށިގެން ހަމަސް ދުވަހު ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

އެކްސްޕޯ އަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ “ކަނެކެޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ” އެވެ.

މެދުއިރުމަތީގެ ގައުމެއްގައި މުޅިން އަލަށް ބާއްވާ މި އެކްސްޕޯގެ އަމާޒަކީ އާ އީޖާދުތަކާއި އެކިއެކި ހިޔާލުތައް އެއްތަނަކުން ދައްކައިދީ އެކަންކަމުގެ ތެރެއިން އިންސާނިއްޔަތަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ އެކްސްޕޯގައި ގާއިމުކުރާ ރާއްޖޭގެ ޕެވީލިއަން އިން ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދިވެހިންގެ މަސައްކަތްތެރިކަމާއި ދިވެހި އުފެއްދުންތަކާއި ރާއްޖޭގެ ރީތި މަންޒަރުތަކާއި ދެމެހެެއްޓެނިވި ތަރައްގީ އަކަށް އިސްކަން ދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދައްކައިދޭނެ ކަމަށެވެ.

އެކްސްޕޯ ކުރިއަށްދާއިރު ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންވެސްޓްމަންޓްތަކާއި ރާއްޖޭގައި ހުރި އިންވެސްޓްމަންްޓް ފުރުސަތުތައް ބުނެދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި އެކްސްޕޯގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

ރައީސް މާދަމާ ދުބާއީ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ޒުވާނުންގެ ދުވަހާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ބާއްވާ އިވެންޓްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކިފާނު މިއަދު އެރަށަށް ވަޑައިގަންނަވާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!