ގާސިމް ޕްރީ ސްކޫލް. އެ ސްކޫލް އަންނަ އާދިއްތަ ދުވަހު ހުޅުވާނެ--

ގާސިމް ޕްރީ ސްކޫލް އާދިއްތަ ދުވަހު ހުޅުވަނީ

ހުޅުމާލޭގައި ސަރުކާރުން ހިންގާ ފުރަތަމަ ޕްރީ ސްކޫލު، މުހައްމަދު ގާސިމް ޕްރީ ސްކޫލް އަންނަ އާދިއްތަ ދުވަހު ހުޅުވާ ގޮތަށް ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޫލު ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުންދާ ކަމަށާއި އަދި ސްކޫލަށް ޕްރިންސިޕަލެއް ވެސް ހަަމަޖައްސައިފައިވާ ކަމަށެވެެ.

ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހަދާފައިވާ 10 ކްލާސްރޫމުގެ ޕްރީ ސްކޫލަކީ 750 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެލްކޭޖީ އާއި ޔޫކޭޖީ އަށް ކިޔަވައިދޭން ނިންމާފައިވާ ސްކޫލުގައި 20 ޓީޗަރުން މަސައްކަތް ކުރާނެ އެވެ.

އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ހުޅުމާލޭގައި ހަދާފައިވާ ޕްރީ ސްކޫލު ހިންގަން އެޗްޑީސީން، އެޑިޔުކޭޝަން މިނިސްޓްރީއާ އެތަން ހަވާލުކުރީ ޖެނުއަރީ 17، 2019 ގައެވެ.

މިނިސްޓްރީން ވަނީ އެ ސްކޫލު ހިންގައިދޭނެ ބަޔަކު ހޯދަން ހަތަރު ފަހަރެއްގެ މަތިން އިއުލާންކޮށްފަ އެވެ. އެކަމަކު އެ ތަން ހިންގަން ވަކި ބަޔަކާ ހަވާލުނުކޮށް އުޅެނިކޮށް ކޮވިޑް 19ގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ ދުވަސް ތަކުގައި އެތަން ބޭނުންކުރީ ފްލޫ ކްލިނިކެއް ގޮތުގަ އެވެ.

ހުޅުމާލޭގެ ޕްރީ ސްކޫލު ހިންގަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެއީ ކޮލިޓޭޓް އެޑިއުކޭޝަނާއި، އައިލެންޑާސް އެޑިއުކޭޝަނާއި އިރުސިޔާދު އިންޓަނޭޝަނަލްގެ އިތުރުން އިލްމު އެޑިއުކޭޝަނެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އެތަން ސަރުކާރުން އަމިއްލަ އަށް ހިންގަން ނިންމާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުހައްމަދު ގާސިމް ޕްރީ ސްކޫލް ބޭނުންކުރީ ޕީޕީއެމްގެ ކެމްޕޭން ޖަގަހައެއްގެ ގޮތުގަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!