ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ކޮވިޑަށް ކުރި ހޭދަ ހަތަރު ބިލިއަނާ ގާތަށް

ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސިއްހީ އިޖުތިމާއީ އަދި އިގްތިސޯދީ ކަންކަމަށް މުޅި ޖުމްލަ 3.9 ބިލިއަން ރުފިޔާ (3,921.4 މިލިއަން ރުފިޔާ) ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑާ ގުޅުންހުރި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އިގްތިސޯދީ ކަންކަމަށް އެ މުއްދަތުގައި 1.7 ބިލިއަން ވަނީ ހޭދަކޮށްފައެވެ. ހަފްތާއިންް ހަފްތާ އަށް ބަލާނަމަ، ސިއްހީ އަދި އިޖުތިމާއީ ދާއިރާ އިން އެންމެ ބޮޑު ހޭދައެއް ކުރީ ހެލްތު މިނިސްޓްރީން ކަމަށް ފިނޭންސްގެ ހިސާބުތައް ދައްކައެވެ. އެގޮތުން އެ މިނިސްޓްރީއަށް 836.3 މިލިއަން ހޭދަކޮށްފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އެލަވެންސް ދިނުމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް ކަމަށް ފިނޭންސްގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ރިޕޯޓުގެ މުއްދަތާ ހަމައަށް، ހެލްތުން ވަސީލަތްތައް ގާއިމްކުރުމަށް 587.5 ހޭދަކޮށްފައިވާ ކަމަށް ދައްކައެވެ. އަދި މުވައްޒަފުންނަށް އެލަވަންސް ދިނުމަށް 65.6 މިލިއަން ހޭދަކޮށްފައިވެއެވެ. އިގްތިސޯދީ ދާއިރާ އިން ނުވަތަ އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ދާއިރާއިން މައިގަނޑު ގޮތެއްގައި ހޭދަކޮށްފައިވަނީ ކޮވިޑް19އާ ގުޅިގެން އާމްދަނީ އަށް އަސަރުކުރި މީހުންނަށް އެލަވެންސް ދިނުމަށާއި ލޯނު ދިނުމަށެވެ. އެގޮތުން ކޮވިޑް-19 ރިކަވަރީ ލޯނުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިންކަމް ސަޕޯޓަށް 420.7 މިލިއަން ވަނީ ހޭދަކޮށްފައެވެ. ކަރަންޓު ބިލުތަކަށް 172.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ފެން ބިލުތަކަށް 26 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން ނޭޝަނަލް ޑިޒާޒްޓާ މެނޭޖްމެންޓުން 784.5 މިލިއަން ރުފިޔާއާއި އައިޖީއެމްއެޗުން 198 މިލިއަން ރުފިޔާ އާއި އެމްއެންޑީއެފުން 67.6 މިލިއަން ރުފިޔާއާއި، ޑިޒާޒްޓާ މެނޭޖްމަންޓު ފަންޑަށް 84.1 މިލިއަން ރުފިޔާ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 54 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!