މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. އިތުރު ބިލުތައް އަންނަ ހަފްތާގައި މަޖިލީހަށް ފޮނުވާނެކަމަށް ރައީސް އޮފީހުން ބުނޭ--

އިތުރު ބިލުތައް އަންނަ ހަަފްތާގައި މަޖިލީހަށް ފޮނުވަނީ

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން އިތުރު ބިލުތަކެއް އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަަމާނު މަބްރޫކް އަބްދުލް އަޒީޒް އަވަސްއަށް މިއަދު ވިދާޅުވީ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ފޮނުވަން ޖެހޭ ބިލުތައް އަންނަ ހަފްތާގައި މަޖިލީހަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ބިލުތަކުގެ ތަފްސީލެއް މަބުރޫކް ނުދެއްވަ އެވެ.

އާ ބިލްތަކެއް ފޮނުވާނެ ކަމަށް މަބުރޫކު ވިދާޅުވިއިރު އިތުރު ބިލުތައް ނުލިބޭތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި 32 ބިލެއް ފޮނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދި މިހާތަނަށް ލިބުނީ ހަަތަރު ބިލު ކަމަށާއި ބާކީ ހުރި ބިލުތައް މި ދައުރުގައި ލިބޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތް ކަަމަށެވެ.

މަބްރޫކު ވިދާޅުވީ ބިލުތައް ފޮނުވުމުގައި ލަސްވުމެއް އުޅޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް ރަނގަޅަށް ބިލުތައް ފަރުމާކޮށް މަޖިލީހަށް ހުށަހެޅުމަށް ކަަމަށެވެ.

“މަޖިލީހުން އެބައޮތް އަޅުގަނޑުމެން ފޮނުވި 75 ބިލެއް ފާސްކޮށްދެއްވާފައި. އެ ބިލުތައް ފާސްކޮށްދިނުމަށް މަޖިލީހުން ވެދިން އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަން.” މަބްރޫކް ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް މިހާރުވެސް 27 ބިލެއް ނުނިމި ކޮމިޓީ މަރުހަލާގައި އެބަ އޮތެވެ.

މި ދައުރުގައި ސަރުކާރުން ހުށަހެޅި ބިލުތަކުގެ ތެރޭގައި ހެއްކާ ބެހޭ ބިލާއި، މަދަނީ އިޖުރާތުގެ ބިލު، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!