އެޓްލާންޓާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: ރޮނާލްޑޯ ގޯލު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ

ރޮނާލްޑޯގެ ގޯލުން ޔުނައިޓެޑަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓްލާންޓާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމެނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުން ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ މި މެޗުން ޔުނައިޓެޑް މޮޅުވީ 3-2 ގެ ނަތީޖާ އަކުންނެވެ. ޔުނައިޓެޑުން މި މެޗު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ކުރީ ކޮޅުގައި އެޓްލާންޓާއިން ދެ ގޯލު ޖަހާފައި ވަނިކޮށް ފަހަތުން އަރަ އެވެ.

މެޗު ފެށިގެން ފުރަތަމަ ކޮޅު ޔުނައިޓެޑު ގިނަ ހަމަލާ ތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި އެވެ. އެޓްލާންޓާއިން އޭގެ ފައިދާ ނަގައި ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ގޯލު ޖެހީ ޒެޕަކޮސްޓާ ދިން ޕާހަކުން މާރިއޯ ޕަސަލިޗް އެވެ. އެޓްލާންޓާއަށް ލީޑު ފުޅާ ކޮށްދިނީ މެރިހް ޑެމިރާލް އެވެ. މި ގޯލަކީ މަތިމަތިން އައި ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެރިހް ކާމިޔާބު ކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާ އަކުން އެޓްލާންޓާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ތިން ގޯލު ޖަހާފަ އެވެ. ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޔުނައިޓެޑުގެ ފުރަތަމަ ގޯލު ޖަހައި ދިނީ މާކަސް ރަޝްފޯޑް އެވެ. ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރީ އެޓްލާންޓާ ޑިފެންޑަރުންގެ ތެރެއިން ފުރޭނިގެން އައި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހެރީ މެގުއާ އެވެ. ޔުނައިޓެޑް މޮޅުކޮށް ދިން ގޯލަކީ ލޫކް ޝޯވް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ގޯލެކެވެ.

މި ނަތީޖާއާއެކު އެޓްލާންޓާ ގްރޫޕް އެފްގެ ދެ ވަނައަށް ވެއްޓުނު އިރު ޔުނައިޓެޑް ވަނީ ގްރޫޕްގެ އެއްވަނައަށް އަރާފަ އެވެ. އެއް ވަނައިގައި ޔުނައިޓެޑް ހަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި އެޓްލާންޓާ އޮތީ ހަތަރު ޕޮއިންޓް ލިބުގެންނެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ޑައިނަމޯ އަތުން ބާސެލޯނާ މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ. ޔަންގް ބޯއީސް އަތުން ވިޔަރެއާލް 4-1 އިން މޮޅުވި އިރު، ޔުވެންޓަސް އިން ޒެނިޓް ބަލިކުރީ 1-0 ގެ ނަތިޖާ އަކުންނެވެ. އަދި މަލްމޯގެ މައްޗަށް ޗެލްސީން 4-0 ގެ ނަތީޖާ އަކުން ކުރި ހޯދި އިރު، ބަޔާން މިއުނިކުން ބެންފިކާ ބަލިކުރީ ވެސް ހަމަ އެ ނަތީޖާ އިންނެވެ. ލިލް އާއި ސެވިޔާ ބައްދަލުކުރި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. އާރުބީ ސަލްޒްބާގުން ވޮލްފްސްބާގް ބަލިކުރީ 3-1 އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!