ގައުމީ ކްރިކެޓު ޓީމުގެ ކުރީގެ ކޯޗު އާސިފް ޙާން --

ކްރިކެޓް ކޯޗްގެ އަޑުއެހުންތައް އިއްޔެވެސް ކުރިއަށްނުގެންދެވުނު

ގައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކޯޗް މުޙައްމަދު އާސިފް އަމީން ޚާންގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުންތައް އިއްޔެވެސް ކުރިއަށް ނުގެންދެވުނު ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ތާވަލްކުރީ އިއްޔެ މެންދުރުފަހު 13:30 އަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު “ސަން”އަށް ވިދާޅުވީ އިއްޔެގެ އަޑުއެހުން ކުރިއަށްނުގެންދެވިގެން ކެންސަލްކުރީ މާފުށީ ޖަލުގެ ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ކޯޗް އާސިފްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިހާތަނަށް ނެގިފައިވަނީ އެންމެ ހެއްކެއްގެ ހެކި ބަސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޯޗުކަން ކޮށްދިން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ވަނީ ނުވަ ދައުވާއެއް އުފުލާފައެވެ. އޭގެތެރޭގައި ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭފަދަ މަގާމެއްގައި ހުރެ އެކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ތިން ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ތިން ދައުވާ އަކާއި ހަޑިހުތުރު އެއްޗިހި ކިޔުމާއި ހަޑިހުތުރު ބަސްތަކުން ވާހަކަ ދެއްކުމުގެ ދައުވާއެއް ހިމެނެއެވެ. މީގެއިތުރުން ޖާއިޒު މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ. އޭނާ ކޯޗުކަން ކޮށްދީފައިވާ 18 އަހަރުން ދަށުގެ އަދި 18 އަހަރުން މަތީގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. ނަމަވެސް ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ހާޒިރު ކުރިއިރު، ހައްޔަރު ކުރިތާ 24 ގަޑިއިރަށް ވުރެން ގިނައިރު ވެފައި ވާތީ ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ހައިކޯޓުގެ އަމުރާއެކު އޭނާ ދެވަނަ ފަހަރަށް ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި އޭނާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ. ޕާކިސްތާނަށް އުފަން، ދެކުނު އެފްރިކާގެ އާސިފް ޚާން ރާއްޖޭގެ ކްރިކެޓް ޓީމުގެ ކޯޗުކަމާ ހަވާލުވީ 2018ވަނަ އަހަރުގެ ތެރޭގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!