ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. ތޮއްޑޫގެ ދަނޑުވެރިންނާއި ގެސްޓުހައުސް ހިންގާ ފަރާތްތަކާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މިނިމަމް ވޭޖު ކަނޑައަޅާނީ ވިޔަފާރިވެރިންގެވެސް ހިޔާލާއެކު: ރައީސް

މަސައްކަތްތެރިންނަށް ދޭނެ އެންމެ ދަށް މުސާރަ ކަނޑައަޅާނީ ވަޒީފާ އަދާ ކުރާ މީހުންގެ އިތުރުން ވިޔަފާރިވެރިންގެވެސް ހިޔާލު ހޯދުމަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު އެހެން ވިދާޅުވީ އއ. އަތޮޅުގެ ހަ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅުގެ ތޮއްޑޫއަށް ވަޑައިގެންނެވުމަށް ފަހުގައިއެވެ. ތޮއްޑޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ދަނޑުވެރިންނާއި ގެސްޓްހައުސް ހިންގާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް ވަޒީފާ އަދާ ކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތުގެ މަޝްވަރާވެސް މުހިއްމު ކަމަށެވެ. އަދި މިނިމަމް ވޭޖު ކަނޑައަޅާނީ އެ ދެ ފަރާތުގެ ހިޔާލާ އެއްކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް “ސަން”އަށް ވިދާޅުވީ، މަސައްކަތްތެރިންގެ އިތުރުން، ވަޒީފާ ދޭ ފަރާތްތައް ނުވަތަ ވިޔަފާރިވެރިންވެސް މިނިމަމް ވޭޖާ ބެހޭ ގޮތުން ދެކޭ ގޮތް ހުށަހެޅުމަށް އެ ބައްދަލުވުމުގައި ރައީސް ހިތްވަރުދެއްވި ކަމަށެވެ. އެންމެ ކުޑަ މުސާރަ ކަނޑައެޅުމާ ބެހޭ ގޮތުން ލަފާ ދިނުމަށް އެކުލަވާލާފައިވާ މިނިމަމް ވޭޖް ބޯޑުން ވަނީ އެ ބޯޑުގެ ލަފާ މިމަހުގެ ފަހެއްގައި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައެވެ. އެ ލަފާގައިވާ ގޮތުން ކުދި، އަމިއްލަ ވިޔަފާރިތަކުން، ދުވާލަކު 8 ގަޑިއިރަށް ބަލައިގެން މަހަކު ދޭންޖެހޭ އެންމެ ކުޑަ މުސާރައަކީ 5،700 ރުފިޔާއެވެ. ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް 7،000 ރުފިޔާއެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން ދެވޭނެ އަދަދަކީ 8،000 ރުފިޔާއެވެ. މީގެ އިތުރުން، ބޮޑެތި ވިޔަފާރިތަކަށް މުސާރައިގެ ގޮތުގައި މަހަކު ދެވޭނެ އެންމެ ކުޑަ އަދަދަކީ 8,900ރ. ކަމަށް އެ ބޯޑުން ވަނީ ނިންމާފައެވެ. މިނިމަމް ވޭޖް ރަސްމީކޮށް ފާސްކޮށް، އެގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ ދޭން ފަށާނީ މިނިމަމް ވޭޖް ބޯޑުގެ ލަފައާއި ނިންމުން އިކޮނޮމިކް މިނިސްޓަރު ބެއްލެވުމަށްފަހު ކަމާ ބެހޭ ގަރާރެއް ނެރުއްވުމުންނެވެ. މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ވަނީ މިއަހަރު ނިމުމުގެ ކުރިން ސަރުކާރުން މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައެވެ. ރައީސް ސޯލިހު އަރިއަތޮޅު އުތުރު ބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތޮއްޑޫގެ އިތުރުން ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދޫއަށް ވަޑައިގަންނަވާނެއެވެ. އަދި އެ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވައިލައްވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!