ސްޓީވް ބްރޫސް: ދެއަހަރަށް ފަހު ނިއުކާސަލްގެ ކޯޗު ކަމުން އޭނާ ދުރުވީ މިއަދު

ނިއުކާސަލްގެ ކޯޗުކަމުން ސްޓީވް ދުރުވެއްޖެ

އިނގިރޭސި ވިލާތުގެ ކްލަބް ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު ކަމުން ސްޓީވް ބްރޫސް ދުރު ވެއްޖެ އެވެ.

ސްޓީވް މަގާމުން ދުރުވެފައި ވަނީ ކްލަބުގެ އާ މެނޭޖުމެންޓާއި މަޝްވަރާ ކުރުމަށް ފަހު ދެފަރާތް އެއްބަސް ވެގެންނެވެ.

ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަތުމާއެކު ޓީމުގެ ކޯޗު ކަމުން ސްޓީވް ވަކި ކުރާނެ ކަމަށް މީގެ ކުރިން ވެސް އޮތީ ބެލެވިފަ އެވެ. މިދިޔަ ހަފްތާގަައި ޓޮޓެންހަމާއި ވާދަކުރި މެޗުގައި ޓީމުގެ މެނޭޖުމެންޓުން ސްޓީވް ކޯޗު ކަމުގައި ބެހެއްޓީ އެއީ އޭނާ ޓީމުގެ ކޯޗުކަން ކޮށްދޭ 1000 ވަނަ މެޗަށް ވާތީ އެވެ. އެ މެޗުން ޓޮޓެންހަމް މޮޅުވީ 3-2 ގެ ނަތީޖާ އަކުންނެވެ.

ޓީމުގެ ކޯޗު ކަމުން ބްރޫސް ދުރުވިކަން އަންގާ ނިއުކާސަލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި ދެ އަހަރު ދުވަހު ސްޓީވްގެ ފަރާތުން ޓީމަށް ކޮށްދިން ހުރިހާ ކަމެއްގެ އަގު ވަޒަން ކުރާ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.

ސްޓީވްގެ ކޯޗު ކަމުގެ ދަށުގައި ފާއިތުވި ދެ ސީޒަން ނިއުކާސަލްއިން ނިންމާލީ ލީގުގެ 12 އަދި 13 ވަނައިގަ އެވެ. އަދި ސްޓީވްގެ ދައުރުގައި ނިއުކާސަލްއިން ވަނީ އެމިރޭޓްސް އެފްއޭ ކަޕާއި ކަރަބާއޯ ކަޕްގެ ކުއާޓާ ފައިނަލު ކުޅެފަ އެވެ.

“މި ހާއްސަ ކްލަބު މެނޭޖް ކުރުމަށް އަހަރެންނަށް ފުރުސަތު ދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން” މަގާމުން ދުރުވުމަށް ފަހު ސްޓީވް ބުންޏެވެ. ފާއިތުވު ދެ އަހަރުގެ ތެރޭގައި އެތައް އަޑިގަނޑަކާއި އުސްގަނޑަކާއި ކުރިމަތިލާން ޖެހުނު އިރު އޭނާ އާއި އެކު މަސައްކަތް ކުރި ހުރިހާ ސަޕޯޓިން ސްޓާފުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ސްޓީވް ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. ސްޓީވްގެ ވާހަކަ ނިންމާލީ ޓީމަށް ފާގަތި މުސްތަގުބަލަކަށް އެދެމުންނެވެ.

ނިއުކާސަލްގެ ހެޑް ކޯޗު ކަމުން ސްޓީވް ދުރުވުމާއެކު ވަގުތީ ގޮތުން މިހާރު ޓީމާއި ހަވާލުވެ ހުންނާނީ އެސިސްޓެންޓް ކޯޗު ގްރެއިމް ޖޯންސް އެވެ. މިއަންން ހޮނިހިރު ދުަހު ކްރިސްޓަލް ޕެލެސް އާއި ބައްދަލުކުރާ މެޗަށް ޓީމު ތައްޔާރު ކުރުމުގައި ގްރެއިމްއަށް އެހީތެރިވާނީ ކޯޗިން ޓީމުގައި ހިމެނޭ ސްޓީވް އެގްނިއު، ސްޓެފެން ކްލެމެންސް، ބެން ޑޯވްސަން އަދި ސިމޯން ސްމިތެވެ.

ޓީމަށް އާ ހެޑް ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ނިއުކާސަލްއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ބެލެވޭ ގޮތުގައި ދެން މި މަގާމާއި ހަވާލު ވާނީ ޕައުލޯ ފޮންސޭކާ އެވެ.

މީގެ ކުރިން ރޯމާގެ ކޯޗުކަން ކޮށްފައިވާ ޕައުލޯ ފޮންސޭކާ އަކީ ނިމުނު ސަމާ ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމަށް ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެކަކެވެ. އެކަމަކު ޓްރާންސްފާ މާކެޓު ބަންދު ވުމުގެ ކުރިން އެވާހަކަ ވަނީ ހިނދިފަ އެވެ. އެހެން ކަމުން ނިއުކާސަލް އިން އޭނަގެ ހާލަތު ވަރަށް ބޮޑަށް ދިރާސާ ކޮށްފައި ވާއިރު، މިއީ މިފަހަރު ނިއުކާސަލްގެ ކޯޗު ކަމާއި ހަވާލުވުން އެންމެ ގާތް އެކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!