ރޭގެ މެޗުގައި މެސީ އާއި ރޮނާލްޑީނިއޯ ބައްދަލުވި ވަގުތު ވޯމްއަޕް ކުރަން ހުރެފައި މެސީ ގޮސް ރޮނާލްޑީނިއޯ ގައިގައި ބައްދާލިމެސީގެ ފުރަތަމަ ގޯލަށް ފަހު ރޮނާލްޑީނިއޯ އާއި މެސީ އުފާ ފާޅު ކުރަނީ

ރޮނާލްޑީނިއޯ އާއި މެސީގެ ޖަޒުބާތީ ބައްދަލުވުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި އާރުބީ ލެޕްޒިގް ބައްދަލުކުރި މެޗު ބަލަން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ވަނީ ދަނޑަށް ގޮސްފަ އެވެ.

ރޮނާލްޑީނިއޯ ދަނޑަށް ވަދެގެން އައުތަން ފެނުމާއެކު ދަނޑުމަތީގައި ވާމްއަޕް ކުރަން ހުރި ލައިނަލް މެސީ ވަނީ ދުވެފައި ރޮނާލްޑީނިއޯ ކައިރިއަށް ގޮސް މަރުހަބާ ކިޔައި އޭނާ ގައިގައި ބައްދާލާފަ އެވެ.

ރޮނާލްޑީނިއޯ އާއި މެސީއަކީ ބާސެލޯނާގައި އެއްކޮށް ކުޅުނު ދެކުޅުންތެރިންނެވެ. މެސީ ބާސެލޯނާއިން ވިދާލީ ރޮނާލްޑީނިއޯގެ ރަން ޒަމާނުގައި އޭނާގެ އެހީތެރިކަމާއެކު ކަމަށް މެސީ އަބަދުވެސް ބުނެ އެވެ. މެސީގެ ފުރަތަމަ ގޯލަކީ ރޮނާލްޑީނިއޯ ދިން ޕާހަކުން ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލު ޖެހުމަށް ފަހު މި ދެކުޅުންތެރިން އުފާ ފާޅު ކޮށްފައި ވަނީ ރޮނާލްޑީނިއޯގެ ކޮނޑަށް މެސީ އަރުވައިގެނެވެ.

ބާސެލޯނާއަށް ބަދަލުވުމުގެ ކުރިން ޕީއެސްޖީއަށް ކުޅުނު ރޮނާލްޑީނިއޯއަށް މެސީ ޕީއެސްޖީގައި ކުޅޭތަން ފެނުމަކީ ގައިމުވެސް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ރޭގެ މެޗުގައި އެކަން ވަނީ ވަރަށް ރަނގަޅަށް ފެނިފަ އެވެ.

ޕީއެސްޖީން 3-2 ގެ ނަތީޖާއަކުން ލެޕްޒިގްގެ މައްޗަށް ކުރިހޯދި އިރު، މެސީ ވަނީ ދެ ގޯލު ޖަހާފަ އެވެ. މެސީގެ ދެ ގޯލަކީ 2-1 ގެ ނަތީޖާ އަކުން ޕީއެސްޖީ ބަލިވަނިކޮށް އޭނާ ކާމިޔާބު ކޮށްދިން ދެ ގޯލެވެ.

ރޭގެ މެޗަށް ރޮނާލްޑީނިއޯ ދަނޑަށް ދިޔައީ ހާއްސަ މެހެމާނެއްގެ ގޮތުގަ އެވެ. މީގެ ދެތިން ދުވަސް ކުރިން ޕީއެސްޖީން ވަނީ މި މެޗު ބަލަން ރޮނާލްޑީނިއޯ އަންނާނެ ކަމަށް ބުނެފަ އެވެ.

“ހާއްސަ މެހެމާނެއް، އާޓިސްޓެއް، ފުޓްބޯޅަ ޖީނިއަސްއެއް. ޕީއެސްޖީ އާއި އާރުބީ ލެޕްޒިގް ބައްދަލުކުރާ މެޗު ބަލަން އަހަރެމެންގެ ލެޖެންޑް ރޮނާލްޑީނިއޯ ދަނޑަށް އަންނާނެ” ޕީއެސްޖީގެ ޓްވިޓާ އެކައުންޓުގައި ބުނެފައިވެ އެވެ.

ރޮނާލްޑީނިއޯއަކީ ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ އެންމެންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ދަނޑު މަތީގައި އެހެން ކުޅުންތެރިންނަށް ނުކުރެވޭ ފަދަ ތަފާތު މޮޅެތި ކަންތައް ކުރާ “މެޖީޝިއަން” އެއްގެ ގޮތުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!