އިންޑިއާ ސަބްމެރީންއެއް: ސަބްމެރީންތައް ޒަމާނީ ކުރަން އިންޑިއާ މަސައްކަތް ކުރޭ

ޕާކިސްތާނުން އިންޑިއާ ސަބްމެރީންއަކަށް ހުރަސްއަޅައިފި

ޕާކިސްތާން ކަނޑުގެ ސަރަހައްދަށް ވަންނަން މަސައްކަތްކުރި އިންޑިއާ ސަބްމެރީންއެއް ހުއްޓުވައި ހުރަސް އަޅާފައިވާ ކަމަށް ޕާކިސްތާން ކަނޑުގެ ސިފައިން ބުނެފި އެވެ. ޕާކިސްތާނުން ބުނީ އިންޑިއާ ސަބްމެރީން ފުރަތަމަ ދަތުރު ކުރަމުން ދިޔައީ އަރަބި ކަނޑުގެ އުތުރު އަރިމަތިން ކަމަށެވެ.

މިއީ 2016 ވަނަ އަހަރަށް ފަހު އިންޑިއާގެ ސަބްމެރީންއެއް ޕާކިސްތާން ކަނޑުގެ އިމަށް ވަދެގަނެ އުދުވާނެއް ހިންގަން މަސައްކަތްކުރި ތިން ވަނަ ފަހަރު ކަމަށް އަންގާރަ ދުވަހު ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ޕާކިސްތާންގެ މި ތުހުމަތަށް އިންޑިއާ ވަނީ ދެކޮޅުހަދައި ދޮގު ކޮށްފަ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ގައުމު ރައްކާތެރި ކުރުމުގައި ކަނޑުގެ ސިފައިން ދެމި ތިބިކަން އޮކްޓޯބަރު 16 ވަނަ ދުވަހު ހިނގައި ދިޔަ ހާދިސާއިން ސާބިތުވާ ކަމަށެވެ. ސިފައިންގެ ގާބިލުކަމާއި ކުޅަދާނަ ކަމާއެކު އިންޑިއާ ސަބްމެރީން ސަރަހައްދުން ބޭރު ކޮށްލުން ދޭހަކޮށް ދެނީ ކަނޑުގެ ސިފައިން ޕްރޮފެޝަނަލްކަން ކަމަށް ބަޔާނުގައި ވެއެވެ.

އިންޑިއާ ސަބްމެރީން ކަމެއް ކުރުމުގެ ކުރިން ދެނެގެންފައި ވަނީ ކަނޑު ބަލަހައްޓަން ސިފައިން ބޭނުންކުރާ މަތިންދާޓަކުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ޕާކިސްތާން ކަނޑުގެ ސިފައިން އާންމުކުރި ވީޑިއޯއަކުން ސަބްމެރީން ކަމަށް ބުނާ އުޅަނދުގެ އިންފްރާރެޑް ފުޓޭޖެއް ފެނެ އެވެ. އެ އުޅަނދު ހަރަކާތްތެރިވި ގޮތާއި ވަގުތު ވެސް ބަޔާނުގައި ވަނީ އާންމު ކޮށްފަ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ނޫސް އޭޖެންސީތަކުން ކޮމެންޓަކަށް އެދުމުން އިންޑިއާގެ ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ކަނޑުގެ ސިފައިން އެއްވެސް ޖަވާބެއް އަދި ނުދޭ ކަމަށް ހަބަރުތައް ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!