ކުރީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ މަޖިލީހުގެ ގޭޓުމަތިން ނެރެނީ. އެ މައްސަލަ ބަލަން ރޮޒައިނާ ވަނީ ގޮވާލައްވައިފައި

ގޭޓު މަތިން މެމްބަރުން ނެރުނު މައްސަލަ ބަލަން ގޮވާލައިިފި

ނިމިގެން ދިޔަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގަދަ ކަމުން އިދާރާގެ ގޭޓު މަތިން ނެރުނު މައްސަލަބަލަން އައްޑޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފި އެވެ.

ރޮޒައިނާ އެފަދައިން ގޮވާލެއްވީ ޑުރަގުގެ ބޮޑުން ދޫވާތީ އެކަން ހައްލުކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަަލައަށް މިއަދު ކުރި ބަހުސްގެ ތެރެއިން ނެވެ.

ރޮޒައިނާ ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގައި ޑުރަގުގެ ބޮޑުންނަށް މާފުދީ ދޫކޮށްލި ކަަމަށާއި އޭރު އިދިކޮޅުން މަޖިލިސްތެރެއިން ސަރުކާރު ޒިންމާދާރުކުރަން އުޅުނު އިރު އަދާމް ޝަރީފް ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވައިގެން މެމްބަރުންނަށް ހުރަސްއެޅުއްވި ކަމަށެވެ.

ރޮޒައިނާ އެ އިޝާރާތް ކުރެއްވީ ނިމިގެން ދިޔަ ސަރުކާރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތް ދުވަސްވަރު އިދިކޮޅު މެމްބަރުން މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމުން ސިފައިން ފޮނުވައިގެން މަޖިލީހުގެ ގޭޓްމަތިން އެ މެމްބަރުން ނެރުނު ހާދިސާ އަށެވެ.

“…. މަޖިލީހުގެ ގޭޭޓް މަތިން މިމަޖިލީހުގެ މެމްބަރުން އުކި ދުވަހުގެ ވާހަކަ ހަނދުމަފުޅުކޮށްލެއްވީމާ ކީއްވެގެންކަން އޭރު ސަރުކާރުން ކުރި މިކަހަލަ ކަންތައްތައް ޒިންމާދާރުކުރުވުމަށް މި މަޖިލީހުގެ ތެރެއިން މަސައްކަތް ނުކުރެވުނީ އެނގޭނެ” ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ ގޭޓުމަތިން މަޖިލިސް މެމްބަރުން އުކި މައްސަލައަކީ ނުބަލާ ދޫކޮށްލެވޭނެ މައްސަލައެއްނޫން ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުން ބެލުމަށް އޭނާ ގޮވާލެެއްވި އެވެ.

ކުރީގެ އޮޕޮޒިޝަނުން ތުުހުމަތުކުރާ ގޮތުގައި މެމްބަރުން ގޭޓުމަތިން ނެރުމުގައި އޭރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ މަސީހުގެ ދައުރެއް ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!