ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ޖަލްސާއެއްގައި -- ފޮޓޯ: އަވަސްކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި -- ފޮޓޯ: ކަސްޓަމްސްކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ސިފައިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި -- ފޮޓޯ: ކަސްޓަމްސް

315 ކިލޯގެ ޑްރަގު އެތެރެވުމުގައި އިހުމާލެއް ނެތް: ކަސްޓަމްސް

ފުލުހުން މިދިޔަ ހަފުތާގެ ތެރޭގައި ހިންގި ދެ އޮޕަރޭޝަންގައި 315 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވީ ނަމަވެސް އެތަކެތި ރާއްޖެ އެތެރެވުމުގައި ކަސްޓަމްސްގެ އެއްވެސް އިހުމާލެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުން ހިންގި ފުރަތަމަ އޮޕަރޭޝަންގައި އަތުލައިގަތީ 100 ކިލޯގެ މަސްތުވާތަކެއްޗެވެ. އެ މައްސަލައިގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކުރި ނަމަވެސް މިވަގުތު ހައްޔަރުގައި ތިބީ އަށް މީހެކެވެ. ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަންގައި އަތުލައިގަތީ 215 ކިލޯގެ މަސްތުވާތަކެއްޗެކެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ހައްޔަރުގައި އެބަތިއްބެވެ.

އަވަސް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ކަސްޓަމްސްގެ މުހިއްމު ދައުރެއް އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ވުމުގައި ކަސްޓަމްސްގެ އެއްވެސް މުވައްޒަފެއްގެ އިހްމާލެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިންނަށް ލިބިފައިވާ ފެންވަރަށް ވަސީލަތާއި ބަޖެޓް ކަސްޓަމަކަށް ނެތެވެ. ކަސްޓަމްސްގެ މުވައްޒަފުން ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވި ނަމަވެސް ވަސީލަތާއި ބަޖެޓު ނެތި މަސައްކަތް ކުރަން ގޮންޖެހުންތައް ހުރެ އެވެ.

“ބަޖެޓް ހޯދުމާއި ވަސީލަތް ހޯދުމަށް އަޅުގަނޑުމެން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން. ނަމަވެސް މިވަގުތު ހާލަތު ހުރި ގޮތުން ބޭނުންވާ ބަޖެޓާއި ވަސީލަތް ނުލިބިދާނެ ކަމަށްވެސް ގަބޫލު ކުރަން. އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތުން މަސައްކަތް ކުރެވޭނެ އެންމެ ރަނގަޅަށް އެބަ މަސައްކަތް ކުރަން. އެހެންވީމާ މިހާރު އެތެރެ ކޮށްގެން އުޅޭ ޑްރަގު އެތެރެ ކުރުމުގައި ކަސްޓަމްސްގެ އިހްމާލު އޮތް ކަމަކަށް ގަބޫލެއް ނުކުރަން،” ޝަރީފް ވިދާޅުވި އެވެ.

ފުލުހުން އަތުލައިގެން މަސްތުވާތަކެތީ މައުލޫމާތު މިހާތަނަށް ވެސް ކަސްޓަމާ ހިއްސާކޮށްފައި ނުވާތީ ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން ފުރުސަތު ލިބުމަކީ ބިރުވެރި އަދި ނުރައްކާތެރި ކަމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ކަސްޓަމްސް އިން އޮޕަރޭޝަނެއް ހިންގާނަމަ ކަމާ ގުޅޭ އިދާރާތަކާ އެ މައުލޫމާތު ހިއްސާކުރާ ކަމަށެވެ. އަދި ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ މަސްތުވާތަކެއްޗާއި ތުހުމަތުގައި ހިފަހައްޓާ މީހުން ފުލުހުންނާ ހަވާލު ކުރާ ކަމަށެވެ.

“މިމައްސަލަ ހައްލު ކުރެވޭނީ އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތްތަކަކުން. އެކަން އަޅުގަނޑުމެން އެބަޖެހޭ މިހާރަށް ވުރެ ހަރުދަނާ ކުރަން. ފުލުހުންގެ އޮޕަރޭޝަންގެ މައުލޫމާތު އަދި އަޅުގަނޑުމެންނަށް ނުލިބެނީ އެއީ ތަހުގީގު ހިނގަމުންދާ މައްސަލައަކަށް ވާތީ ކަމަށް ވެދާނެ. ނުވަތަ އެއީ ޑޮމެސްޓިކް އޮޕަރޭޝަނެއް ވީމާ އެ މައުލޫމާތު ނުދެނީ ކަމަށް ވެސް ވެދާނެ،” ޝަރީފް ވިދާޅުވި އެވެ.

ކަސްޓަމްސްގެ ޒިންމާ އަދާ ކުރުމުގެ ގޮތުން ރާއްޖެ އަށް ދަތުރުކުރާ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުތަކުގައި ހަރު ކުރަން ޖެހޭ ޑިވައިސްތައް ހަރުކޮށް ބޯޓުތަކަށް ކަސްޓަމްސްގެ މުވައްޒަފުން ގަވައިދުން ފާރަވެރިވާ ކަމަށްވެސް ޝަރީފު ވިދާޅުވ އެވެ. އެކަމަކު ރާއްޖެ ސަރަަހައްދަށް ވަންނަ ކޮންމެ ބޯޓެއް ބަލައި ފާސް ނުކުރާ ކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!