ވީއައިއޭގައި ހުންނަ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގައި މުވައްޒަފުންތަކެއް -- ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް

އެއާ ޓްރެފިކް މުވައްޒަފުންގެ ޕެޓިޝަނެއް

އެއާ ޓްރެފިކް ސާވިސަސް (އޭޓީސީ) ހިންގަމުންދާ ގޮތާ މެދު މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ޕެޓިޝަނެއްގައި ސޮއިކުރުމަށްފަހު ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިފި އެވެ.

އޭޓީސީގެ މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މީގެ ކުރިން ރައީސް އޮފީހާއި، ޓްރާންސްޕޯޓް މިނިސްޓްރީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ބައްދަލުކޮށް މަސައްކަތް ކޮށްފައިވާ ކަމަށް މުވައްޒަފުން ބުންޏެވެ.

މުވައްޒަފުން ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި އަށް ކަމެއް ވަނީ ފާހަގަކޮށްފަ އެވެ، އެގޮތުން އެ މުވައްޒަފުންނަށް މަގާމާއި މުސާރައިގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ހަދާފައި ނުވާތީ އެ މައްސަލަ އެންމެ ބޮޑު ކަންބޮޑުވުމުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. 2019 ވަނަ އަހަރު އެފަދަ އޮނިގަނޑެއް އެކުލަވައިލި ނަމަވެސް އެ އޮނިގަނޑު ރައީސް އޮފީހަށް ފޮނުވާފައި ވަނިކޮށް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އޮނިގަނޑުގެ ވާހަކަ ހުއްޓިފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އޭޓީސީގެ ކޮންޓްރޯލަރުން، ޕައިލެޓުންނާއި ޑޮކްޓަރުން ފަދަ ވަޒީފާތަކާއި އެއް ގިންތިއެއްގައި ގިންތިކޮށްފައިވީ ނަމަވެސް މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމުގައި އެ ޕްރޮފެޝަންތަކާއި އެއްހަމައެއްގައި އޭޓީސީގެ މުވައްޒަފުންނާ މެދު އަމަލުނުކުރާ ކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ޕްރޮފެޝަންތަކުން ގިނަ ދުވަހު ހިދުމަތްކުރުމުން ރިޓަޔާކޮށް އިނާޔަތްތައް ދޭ ގޮތަށް އޭޓީސީގެ މުވައްޒަފުންނަށް އިނާޔަތް ނުލިބޭ ކަން ވެސް ވަނީ ހިމަނާފަ އެވެ.

ޕެޓިޝަނުގައިވާ ގޮތުން އޭޓީސީގެ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ހަރުދަނާ އުސޫލެއް ނެތެވެ. އަދި މުވައްޒަފުންނަށް އެއްވެސް ތަމްރީނެއް ނުލިބޭ ކަމަށްވެސް ބުނެފައިވެ އެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ސަލާމަތާ ގުޅުންހުރި ޝަކުވާތައް ނުވަތަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރަން ކޮންޓްރޯލަރުން ޖެހިލުންވާ ކަމަށެވެ. އެހެންވެ ހަރުދަނާ ސޭފްޓީ ރިޕޯޓިން ސިސްޓަމެއް ގާއިމުކުރުމަށްވެސް އެދިފައިވެ އެވެ.

ކޮންޓްރޯލަރެއްގެ ބަލި ހާލަތު ނިޔާކުރާ ގޮތުން ލައިސަންސް ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި ވަޒީފާގައި ދެމި ހުރެވޭނެ އެހެން ގޮތެއް ކަނޑައެޅިފައި ނެތުމަކީ ވެސް މުވައްޒަފުންގެ ކަންބޮޑުވުމެކެވެ. އޭވިއޭޝަން ދާއިރާގެ ތަޖުރިބާ އާއި މަތީ ތައުލީމު ލިބިފައިވީ ނަމަވެސް ކުންފުނީގައި މުވައްޒަފުން ހިފަހައްޓާނެ ހަރުދަނާ ޕޮލިސީއެއް ނެތުމަކީ ވެސް މުވައްޒަފުންގެ ކަންބޮޑުވުމެކެވެ.

އޭޓީސީ ހިންގުމުގެ އާ އޮނިގަނޑެއް މިދިޔަ ސެޕްޓެމްބަރު މަހު ފާސްކުރި ނަމަވެސް އެ އޮނިގަނޑުން މުވައްޒަފުންގެ އެއްވެސް ކަންބޮޑުވުމަކަށް ހަލެއް އައިސްފައި ނުވާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. އެކަމަކު އޮނިގަނޑު ފާސްކުރުމާ ހިސާބުން ތަނުގެ އިސްވެރިންނަށް މަގާމުގެ ކުރިއެރުން ލިބުނު ކަމަށް މުވައްޒަފުން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!