ހުޅުމާލޭގައި ބޭރުގެ ކުންފުނި ތަކަކުން ހަދަމުންދާ ފްލެޓްތަކެއް -- ފޮޓޯ: އަވަސްހުޅުމާލޭގައި ބޭރުގެ ކުންފުނި ތަކަކުން ހަދަމުންދާ ފްލެޓްތަކެއްގައި ބިދޭސީންތަކެއް މަސައްކަތް ކުރަނީ -- ފޮޓޯ: އަވަސް

ރާއްޖެއަށް މިދިޔަ އަަހަރު ލިބުނު އިންވެސްޓްމަންޓްގެ އަގު 63 ޕަސަންޓް ދަށްވެއްޖެ

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި ރާއްޖެއަށް މިދިޔަ އަހަރު ލިބުނު އިންވެސްޓްމަންޓްގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 63 ޕަސަންޓް ދަށްވެއްޖެ އެވެ.

ގައުމުތަކުގެ ދަރަނީ ހާލަތު އަންގައިދިނުމަށް ވޯލްޑް ބޭންކުން ނެރެފައިވާ އިންޓަނޭޝަނަލް ޑެޓް ސްޓެޓިސްޓިކްސް ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެފްޑީއައިގެ ގޮތުގައި ލިބފައިވަނީ 348 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެވެ. އެއީ އޭގެ ކުރިއަހަރާ އަޅާބަލާއިރު 63.6 ޕަސަންޓްގެ ބޮޑު ދަށްވުމެކެވެ.

އެފްޑީއައިގެ ގޮތުގައި 2019 އަހަރު ރާއްޖެއަށް ލިބިފައިވަނީ 986 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެވެ.

މި ރިޕޯޓްގައިވާ ގޮތުން 2020 ވަނަ އަހަރު ދެކުނު އޭޝިއާ ސަރަހައްދަށް އައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ޖުމްލަ އަގު އުޅެނީ 63 ބިލިއަން ޑޮލަރުގަ އެވެ. އައި އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 32 ޕަސަންޓުގެ އިތުރުވުމެކެވެ. މީގެތެރެއިން އެންމެ ބޮޑު އަދަދެއް ގޮސްފައިވަނީ އިންޑިއާ އަށެވެ. އެ ގައުމަށް 2020 ވަނަ އަހަރު އައި އެފްޑީއައިގެ އަދަދު 59.5 ބިލިއަން ޑޮލަރަށް އަރަ އެވެ.

ރިޕޯޓްގައިވާ މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނަ ގައުމުތައް ދަރާފަފައިވަނީ ޗައިނާ އަށެވެ. މިދިޔަ އަހަރު ނިމުނުއިރު އެކި ގައުމުތަކުން ޗައިނާ އިން ނަގާފައިވާ ލޯން ތަކަށް ދައްކަންޖެހޭ ދަރަނީގެ އަގު އުޅެނީ 204 ބިލިއަން ޑޮލަރުގަ އެވެ.

ޗައިނާ އަށް އެންމެ ބޮޑަށް ދަރަފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެ، ސްރީލަންކާ އަދި ޕާކިސްތާނެ އެވެ.

ގައުމުތަކުން ޗައިނާ މާކެޓުން ލޯން ހޯދާފައި ހުރީ އެ ގައުމުތަކުގެ އުމްރާނީ ތަރައްގީއަށް ތަފާތު މަޝްރޫއުތައް ހިންގުމަށެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް ރާއްޖޭގެ މާލީ އިދާރާތަކުން އާންމުކުރާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އިގްތިސާދު މިހާރު ދަނީ ރަނގަޅުވަމުންނެވެ. އެކަމަކު ކޮވިޑްގެ ކުރީގެ ހާލަތަށް ރާއްޖޭގެ އިގްތިސޯދު އަބުރާ ބަދަލުވާނީ 2023 ވަނަ އަހަރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!