އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އަދި ލަންކާގެ ބޮޑުވަޒީރު ރާޖަ ޕަކްސާ

ލަންކާއިން ތެޔޮ ހުސްވެދާނެ ކަމުގެ ބިރަށް ލޯނު ނަގަނީ

ލަންކާއިން 500 މިލިއަން ޑޮލަރު ހޯދަން އިންޑިއާއަށް ހުށަހަޅައިފި އެވެ. އެނާޖީ މިނިސްޓަރު އުދަޔާ ގަމަންޕިލާ ވިދާޅުވީ ބޭނުންފުޅަކީ ލަންކާއިން ތެޔޮ ހުސްވުމުގެ ކުރިން ރިޒާވެއް ހޯއްދެވުން ކަމަށެވެ. އޭނާ ކުރިން ވިދާޅުވި ގޮތުން ލަންކާގައި މިހާރު ހުރި ތެލުން ފުއްދާލެވޭ ވަރުވާނީ އަންނަ ޖެނުއަރީއާ ހަމައަށެވެ.

އިންޑިއާގެ އެހީއަށް އެދި ލަންކާގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ދަންނަވާފައި ވާނެ ކަމަށް ސިލޯން ޕެޓްރޯލިއަމް ކޯޕޮރޭޝަން (ސީޕީސީ) ގެ ޗެއާމަން ސްމިތު ވިޖޭސިންހާ މީޑިއާގައި ވިދާޅުވި އެވެ.

ސީޕީސީން މިހާރު ވެސް ލަންކާ ބޭނުންތަކަށް އޮތީ ދަރަ އެވެ. ބޭންކް އޮފް ސިލޯނަށާއި ޕީޕަލްސް ބޭންކަށް 3.3 ބިލިއަން ޑޮލަރު ދައްކަން ޖެހިފައި އޮތް ކަމަށް ސީޕީސީން ބުނެ އެވެ.

ސްމިތު ވިޖޭސިްންހާ ވިދާޅުވީ އިންޑިއާއިން ލޯނު ދޫކޮށްފި ނަމަ އެ ފައިސާ ބޭނުން ކުރާނީ ޑީސަލާއި ޕެޓްރޯން ގަންނަން ކަމަށެވެ. މަޝްވަރާތަކުން އަދި ވަކި ނަތީޖާއެއް ނުނިކުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާ ނޫސްތަކުން ބުނާ ގޮތުން އިންޑިއާއިން ދޫކުރާ ލޯނު އެއްބަސްވުމުގައި ލަސްތަކެއް ނުވެ ދެ ގައުމުން ސޮއި ކުރާނެ އެވެ. މި ލޯނަކީ ތެލުގެ އަގު އެއްހަމައެއްގައި ދެމެހެއްޓުމަށް ވަރަށް ބޮޑު އެހީތެރި ކަމަކަށް ވާނެ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.

ދުނިޔޭގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ބައެއް ގައުމުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ލަންކާ އަދި ލުބްނާން ވެސް ހިމެނެ އެވެ.

ލަންކާއަށް ދިމާވެފައި އޮތް އަނެއް ނުރައްކަލަކީ ބޭރު ފައިސާ ލިބުން ދަތިވުމެވެ. ގައުމަށް އެތެރެކުރަން ޖެހޭ ޒަރޫރީ ބާވައްތައް މަދުވެ އަގުތައް ހުރީ އާންމުންނަށް ތުރާލަކަށް ވުރެ ބޮޑުވަރުވެފަ އެވެ.

ދުނިޔޭގައި 2019 ގައި ފެތުރިގަތް ކޮވިޑާ ގުޅިގެން ލަންކާގެ ޓޫރިޒަމް ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. އަދި ރެމިޓޭންސް ފައިސާގެ ގޮތުގައި ލިބޭނެ ކަމަށް ބަލާފައި އޮތް މިންވަރާ ކައިރިކުރާ ވަރަށް ވެސް ނުލިބޭ ކަމަށް ފައިނޭންސް މިނިސްޓަރު ބަސީލް ރާޖަޕަކްސާ އޮތީ ވިދާޅުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!