އަނިޔާވެރިންގެ ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވި އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ ތެރެއިން

މަހުމޫދުގެ މަރު: ގާތިލުންގެ އަންނައުނު ހޯދައިފި

އަނިޔާވެރިންގެ ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވި އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު ގާތިލުންގެ އަންނަނު ހޯދާފައިވާ ކަމަށް އަވަސްއަށް އެނގިއްޖެ އެވެ.

މަހްމޫދު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ ރަށުގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމާގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ. ވަރަށް ބޮޑެތި ޒަހަމުތައްވެސް ދީފައި ހުއްޓެވެ.

މަހުމޫދުގެ ހަށިގަނޑު ވަޅަށް ވައްޓާލާފައި އޮތީ ގޯންޏަކަށް ލުމަށް ފަހު އެވެ. އަތާއި ފައި ގޯންޏެއްގެ ބަޔަކުން ބަނދެފަ އެވެ. ހަށިގަނޑުގެ ބައެއް ތަންތާގައި ހުރީ ފުން ޒަހަމުތަކެވެ. އޮތީ ލެޔާއި ވެލިން ތަތްތެޅިފައެވެ.

މަހުމޫދުގެ މަރާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވި ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ސާލިމް ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ އެ ރަށު “ނެދުންގެ” ގައި އޮތް އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނު މީހެކެވެ. ތަހުގީގަށް ހޯދުނު މައުލޫމާތުތަކާއެކު އިއްޔެގެ ވަގުތެއްގައި ސާލިމް ވަނީ ހައްޔަރުކޮށްފައެވެ.

އަދި އޭނާގެ ފަރާތުން ލިބުނު މައުލޫމާތާއެކު ތަހުގީގަށް ކުރިއެރުން ލިބި ތަހުގީގު އިތުރަށް ފުޅާކުރިއެވެ. ފުލުހުންްގެ އިތުރު ބަޔަކު ވަނީ ދަނގެއްޗަށް ގޮސް ތަހުގީގުގައި ބައިވެރިވާން ފަށާފައެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ތަހުގީގުގެ ތެރެއިން ފުލުހުން މިހާރު ވަނީ މަހުމޫދު މަރާލި މީހުން ލައިގެން ތިބި އަންނައުނު ހޯދާފައެވެ. އެ ތަކެތި ހޯދީ ތާކު ވަޅުލާފައި ހުއްޓައެވެ.

އެނގިފައިވާ ގޮތުގައި މަހުމޫދު މަރާލުމަށް ފަހު ގާތިލުން ވަނީ އަންނައުނު ބަދަލުކޮށް އެ ތަކެތި ފޮރުވަން މަސައްކަތް ކޮށްފައެވެ. އަންނައުނު ވަަޅުލީ އެހެން ވެގެންނެވެ. ބެލެވޭ ގޮތުން އެތަކެތި ފޮރުވަން މަސައްކަތް ކުރީ އޭގައި މަހުމޫދުގެ ލޭވެސް ކޮންމެވެސް ވަރަކަށް ހޭކިފައި ހުރުމުންނެވެ.

އެ މައުލޫމާތު ހޯދީ ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ ފަރާތުން ލިބުނު މައުލޫމާތުތަކުން ކަމަށްވެސް އެނގިފައިވެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

މިއަދު ހެނދުނުން ފެށިގެން ފުލުހުން ވަނީ ސާލިމް ދިރިއުޅުނު ގެއަށް އޭނާ ގޮވައިގެން ގޮސްފައެވެ. އަދި އޭގެ ފަހުން މަހުމޫދު މަރާލާފައި އޮތް ވަޅުކައިރިއަށް ގެންގޮސް އޭނާ މެދުވެރިކޮށް ގިނަ މައުލޫމާތުތަކެއް ވަނީ ހޯދާފައެވެ. ފުލުހުން އެކަން ކުރިއަށް ގެންދިޔައީ ބޮޑު ސަރަހައްދެއް ބަންދުކޮށްގެންނެވެ.

އަވަސްއަށް މައުލޫމާތު ދެމުން އެ ރަށުގެ އިސް ބޭފުޅަކު ވިދާޅުވީ މަހުމޫދުގެ މަރުގައި ސާލިމް ބައިވެރިވާ ކަމުގެ ސާފު ހެކި ލިބިފައިވާ ކަމަށެވެ. އަދި މިއަދު އޭނާ ލައްވާ މަހުމޫދާމެދު އަމަލުކުރި ގޮތް ކުޅުވާފައިވާ ކަމަށެވެ.

“ސާލިމް ގެންދިޔައީ އަތުގެ އިޝާރާތުން އެކިި ވާހަކަތައް ކިޔައިދެމުން. ސީދާ އެ ކިޔައިދިނީ ކޮން ވާހަކަތަކެއްކަން ނޭންގުނު ނަމަވެސް ފެނުނު މަންޒަރުތަކުން މިކަމުގައި ސާލިމްގެ ބައިވެރިވުން އޮތްކަން ޔަގީން. އަޅުގަނޑުމެން ދުރުގައި ބަލަން ތިބިއިރު އެނގޭ އޭނާ އެ ދަނީ އޭނާ ކަންކުރި ގޮތާއި އެކަމުގައި ބައިވެރިވި އެހެން މީހުންގެ އަމަލުތައް ހުރި ގޮތް ކިޔައި ދެމުންކަން،” އޭނާ ވިދާޅުވިއެވެ.

މީގެ ކުޑައިރުކޮޅެއްގެ ކުރީން ބިދޭސީ މީހާ ވަނީ މަހިބަދޫއަށް ގެންދަން ލޯންޗުގައި ފުރުވާލާފައެވެ.

މަހްމޫދުގެ މަރާ ގުޅިގެން މީގެކުރިން ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ތިން މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު މިވަގުތު އެ މީހުން ހައްޔަރުކޮށްފައި ތިބީ މަހްމޫދުގެ މަރުގެ ތުހުމަތުގައި ނޫން ކަމަށް ފުލުހުން ބުނެ އެވެ.

ދަނގެތި ރައްޔިތުންގެ ތެރެއިން ގިނަ މީހުން ތުހުމަތުކުރާ ގޮތުގައި މަހްމޫދު މަރާލީ އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނެވެ.

“އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ މިއީ އެކަކަށް ކުރެވޭނެ ކަމެއް ނޫން. އެވަރުގެ އަނިޔާއެއް ނޫން މަހުމޫދަށް ދީފައިވަނީއެއް. މިއީ ދެ މީހެއް ނޫނީ ތިން މީހެއްގެ ބައިވެރިވުމެއް އޮތް ކަމެއް. ދެން އެ މީހުން އެ ތިބީ މަހިބަދޫގައި. އެހެންވީމަ އެ މީހުންގެ ވާހަކައެއް ދައްކާކަށް ނޭންގެ. އެކަމު މިއަދު ފެނުނު މަންޒަރުން ބިދޭސީ މީހާގެ ބައިވެރިވުން އޮތްކަން މި އެނގެނީ. މިއީ ރައްޔިތުންނަށް ލިބުނު އިތުރު ހައިރާން ކަމެއް،” ސާލިމްއާމެދު އެފަދަ ތުހުމަތެއް ކުރެވޭ ފަދަ އަމަލެއް މީގެ ކުރީން ފެނިފައި ނުވާކަން ފާހަގަކޮށް އޭނާ ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!