ލޯންޗަށް ރާޅެއްއަރާ ހިނގި ހާދިސާގައި ނިޔާވި ނާޙިދާ އޭނާގެ ފިރިމީހާ ޖިނާހުއާއެކު

ޖުޔަލް ހޯދަން ބައްޕަ 2 ފަހަރު ފުންމާލި، ލޮލަށް ފެނި ގެއްލި ދިޔައީ!

މާލެއިން ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ “ޑްރީމް ސްޕީޑް 2” ލޯންޗު ދިޔައީ ފުލިދޫ ކަނޑަށް ނިކުންނާށެވެ. އެ ކަނޑަކީ ކޮންކަހަލަ ކަނޑެއްކަން އިނގޭ ހެއްޔެވެ؟ އެ ކަނޑަކީ ރާއްޖެތެރޭގެ އެހެން ހުރިހާ ކަނޑަކަށް ވުރެ ކުލަ ގަދަ މާއަނދިރި ކަނޑެކެވެ. ފެންއެއްޗެއް ކެކޭފަދައިން އަބަދުވެސް އެ ކަނޑު ކެކޭއިރު، ބަލާލި ކޮންމެ މީހަކުވެސް ބިރުގަނެއެވެ. އެ ލޯންޗަށް ސަން ޝިޔާމް އޮޅުވެލި ރިސޯޓު ކައިރިން ރާޅެއް އަރާ ހިނގި ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު 4 އަހަރު ކުއްޖާ އަދިވެސް ފެނިފައި ނުވާއިރު އެ ކުއްޖާ ހޯދަން އެ ވަގުތު 2 ފަހަރު މަތިން ބައްޕަ ޖިނާހު މޫދަށް ފުންމާލިއެވެ. ނަން ނުޖެހުމަށް ސަރުތުކޮށް އެ ލޯންޗުން އިއްޔެ ދަތުރުކުރި މީހަކު “ދަ ޕްރެސް” އަށް މައުލޫމާތު ދެމުން ބުނީ އެރި ރާޅާ ވިއްސައިގެން ދިޔައީ 33އ ގެ މަރިޔަމް ނާހިދާއާއި އުމުރުން 4އ ގެ ދަރިފުޅު ޖުޔަލް ޖިނާހުގެ އިތުރުން ރާޅު އައި ވަގުތު ކޮޅަށް ތެދުވި ފިރިހެނެއް ކަމަށެވެ. އެ ވަގުތު ކަންވީ ގޮތް ކިޔައިދެމުން އެ މީހާ އިތުރަށް ބުނީ ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން ކަނޑު ގަދަވެ ރާޅު ބޮޑުވެ ވައި ބާރުވެ ލޯންޗަށް ހިފަހައްޓާލެވޭ ވަރު ނުވެ އުޅެނިކޮށް، ލޯންޗުގެ ހަލް ފަޅައިގެން ދިޔަ ކަހަލަ އިހުސާސަކާ އެކު އިތުރަށް ކުރިއަށް ދާން ނުކެރި ކައްޕި ލޯންޗް އަނބުރާލީ ކ. ގުރައިދުއަށް ވަނުމަށް ކަމަށެވެ. އެހެންނަމަވެސް އަނބުރާލި ލޯންޗުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔުމާއި ޖެހި ބޮޑު ރާޅާއެކު ލޯންޗު އެއްފަރާތަށް އަރިވެ، ފަހަތު ސަތަރިގަނޑު ފަޅައިގެންގޮސް ދަތުރުކުރި 3 މީހަކު ކަނޑަށް ވެއްޓުނީ ކަމަށެވެ. ދެން ކަންތައް ހިނގައި ދިޔަ ގޮތް ކިޔައިދެމުން އެ މީހާ ބުނީ ރާޅު ޖެހުމާއެކު ކައްޕި ދެ ފަހަރެއްގެ މަތިން ކޯސްޓްގާޑަށް ގުޅަން މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް ކައްޕީގެ އަޑު ސާފުކޮށް ކޯސްޓުގާޑަށް ލިބިފައި ނުވާތީ ލޯންޗުގެ ވެރިމީހާ މެދުވެރިކޮށް އެ މައުލޫމާތު ކޯސްޓުގާޑަށް ހިއްސާކުރީ ކަމަށެވެ. ކަނޑަށް ވެއްޓުނު ނާހިދާ އެންމެ ފަހު ވަގުތަށްވެސް ދަރިފުޅު ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި ވެއްޓުމާއެކު ދަރިފުޅު ގަޔާލާ ބޮނޑިކޮށްލައިގެން އޭނާ އޮތީ ލޯންޗުގެ އެއްޗެއްގައި ހިފަހައްޓައިގެން ކަމަށް ވެސް ލޯންޗުން ދަތުރު ކުރި މީހަކު ކިޔައިދިނެވެ. އަދި ވެއްޓުނު ފިިރިހެން މީހާ އަތުން ޖަހާލަ ޖަހާލަ ފެންމަތީގައި އޮތް ކަމަށްވެސް އޭނާ ބުންޏެވެ. އެ މީހާ އިތުރަށް ބުނީ ވެއްޓުނު ފިރިހެން މީހާ ލޯންޗުން ވަލެއް ބާލައިގެން ލޯންޗަށް އެރުވި ކަމަށާއި ކައްޕި މަސައްކަތް ކުރަމުން ދިޔައީ ޕަންޕް ޖައްސައިގެން ލޮނުގަނޑު ހިނދޭތޯ ކަމަށެވެ. ނާހިދާ ސަލާމަތް ކުރުމަށް ފިރިމީހާ ޖިނާހުވެސް އެވަގުތު ފުންމާލި ކަމަށާއި އެވަގުތު ނާހިދާގެ އަތުން ދަރިފުޅު ދޫވި ކަމަށް އޭނާ ކިޔައިދިނެވެ. އަދި ނާޙިދާ ލޯންޗަށް އެރުމަށް ފަހު ދަރިފުޅު ބަލާ ޖިނާހު ފުންމާލި ވަގުތު ރާޅު ބޮޑުކަމާއި އޮޔެ ގަދަކަމުން ޖިނާހުއަށް ދަރިފުޅު ގެއްލުނީ ކަމަށްވެސް އޭނާ ކިޔައިދިނެވެ. އަދި ލޯންޗުގައި ތިބި ބައެއް މީހުންނަށް އެވަގުތުވެސް ޖުޔަލް ފެނުނު ކަމަށާއި ޖިނާހު އަށް ދެއްކި ނަމަވެސް ޖިނާހު އަށް ނުފެނި އެ ކުއްޖާ ގެއްލުނީ ކަމަށްވެސް އޭނާ ކިޔައިދިނެވެ. އޭރު ލޯންޗަށް އެރުވި ނާހިދާއަށް ސީޕީއާރް ދެމުން ދިޔަ ކަމަށާއި އެހެންނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް އޭނާ ކިޔައިދިނެވެ. ޖުޔަލް ނުފެނި، އެހެންނަމަވެސް ލޯންޗުން ލޮނުގަނޑު ހިނދުމުން ގުރައިދޫއަށް ދާން ނައްޓާލިވަގުތު ޖުޔަލް އަނެއްކާވެސް ފެނިފައިވާ ކަމަށާއި ޖިނާހު ދަރިފުޅު ބަލާ ފޭބި ހިސާބުން އަނެއްކާވެސް އެކުއްޖާ ގެއްލިފައިވާ ކަމަށް އެ މީހާ ވަނީ ކިޔައިދީފައެވެ. ޖުޔަލް އަދިވެސް ފެނިފައި ނުވާއިރު އެމްއެންޑީއެފުން ވަނީ އެކުއްޖާ ފެނިއްޖެނަމަ އަންގަން އެދިފައެވެ. އަދި އެމްއެންޑީއެފުން އެ ކުއްޖާ ފެނޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނާހިދާގެ ހަށިގަނޑު މިއަދު މާލެ ގެނެސް އަސްރު ނަމާދަށް ފަހު އާސަހަރާގައި ޖަނާޒާ ވަނީ ބާއްވާފައެވެ. އިއްޔެ އެ ލޯންޗުން ފިލްމީ ތަރި އައިޝަތު ރިޝްމީ ރަމީޒު އާއި ފިރިމީހާ އަދި ފިލްމީ ތަރި ރަވީ ފާރޫގު އަދި ދަރިފުޅު އިސްމާއިލް އަޒެއަލް އަޒްމީލް ވެސް ވަނީ ދަތުރުކޮށްފައެވެ. އެ މީހާ ކިޔައިދިން ގޮތުގައި ފަޅުވެރިންނާއެކު ޖުމްލަ 14 މީހުން ދަތުރުކުރިއެވެ. އަދި އޭގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. އެއީ ނާޙިދާގެ ދެ ދަރިންގެ އިތުރުން ރިޝްމީގެ ދަރިފުޅެވެ. މީގެ ދެ އަހަރެއް ކުރިން މިދިޔަ 2019 ވަނަ އަހަރު މިފަދަ ހާދިސާއެއް ހިނގާ އެއް އާއިލާއެއްގެ 4 މެންބަރުން ވަނީ މިދުނިޔެ ދޫކޮށްފައެވެ. އެ ހާދިސާވެސް ހިނގާފައި ވަނީ މިފަދަ މޫސުން ގޯސް ދުވަސްވަރެއްގައި ދަތުރު ކުރަނިކޮށެވެ. މި ހާދިސާވެސް ހިނގާފައި މިވަނީ ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން އެލާޓުތައް ނެރެމުން ދަނިކޮށެވެ. މިފަދަ ހާދިސާތައް މަދުކުރެވޭނީ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަބައިގެންނެވެ. އަދި ދަތުރުފަތުރު ކުރުމުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުންނެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!