ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް -- ފޮޓޯ: އަވަސް

ހިޔާ ފްލެޓްތަކުގެ ކައިރީގައި ހަދާ ޕޮލިސް ޕޯސްޓްގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ހަދަމުންދާ ޕޮލިސް ޕޯސްޓްގެ މަސައްކަތް ނިންމާ ވަރަށް އަވަހަށް ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުހުން މީޑިއާ އޮފިސަރު ވިދާޅުވީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ޕޮލިސް ޕޯސްޓެއް ހެދުމަށް އެޗްޑީސީން ޖާގަ ހަަމަޖައްސައިދީފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ ޕޮލިސް ޕޯސްޓްގައި ފުލުހުން ގާއިމުވެ، ހިދުމަތް ދިނުމަށް ކުރަންޖެހޭ ކަންކަން މިހާރު ހިނގަމުންދާ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ޕޮލިސް ޕޯސްޓަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށް ދިނުމަށް ވެސް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެގޮތުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ.

“ވީހާވެސް އަވަހަށް އެ ތަނަށް ބޭނުންވާ ތަކެތި ހޯދާ ހިދުމަތް ދޭން ފެށުމަށް މިދަނީ މަސައްކަތް ކުރަމުން،” އޮފިސަރު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގައި 200 އަށް ވުރެ ގިނަ އާއިލާ މިވަގުތު ދިރިއުޅެމުންދާއިރު އެ ތަނުގައި ވައްކަމުގެ ބައެއް މައްސަލަތައް ދަނީ ހިނގަމުންނެވެ. އެހެންވެ އެ ސަރަހައްދުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުން އަވަސް ކުރުމަށް ފްލެޓްތަކުގެ ވެރިން ދަނީ އެދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!