މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސާލިމް ދިރިއުޅޭ ނެދުންގެ ކައިރީ މީހުން އެއްވެފައި -- ސަން ފޮޓޯ

މަހުމޫދުގެ މަރު: ސާލިމް ކަންތައް ކުރި ގޮތް ކުޅުވައިފި

އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ މުހައްމަދު ސާލިމް ކަންތައް ކުރި ގޮތް އޭނާ ލައްވާ ފުލުހުން ކުޅުވައިފިއެވެ. ދަނގެތިން “ސަން”އާ ވާހަކަ ދެއްކި މީހަކު ބުނީ ސާލިމް ގޮވައިގެން ފުލުހުން އެކި ސަރަހައްދުތަކުގައި މިއަދު ހަަރަކާތްތެރިވި ކަމަށެވެ. އޭގެ ތެރޭގައި ސާލިމް ދިރިއުޅުނު ނެދުންގެ އާއި މަހުމޫދު މަރައިލައިފައި އޮއްވާ ފެނުނު ބިލެތްގެ ވެސް ހިމެނޭ ކަމަށް އޭނާ ކިޔައިދިނެވެ. ސާލިމަކީ އެ ރަށުގައި އުޅޭ އުމުރުން ދުވަސްވީ މީހެއްކަމަށްވާ އާދަމްބެ ބަލަހައްޓަން ހުންނަ ބިދޭސީއެކެވެ. އެ ރަށު ނެދުންގޭގައި ދިރިއުޅެނީ ސާލިމާއި އާދަންބެ އެކަންޏެވެ. އެ ގެއަކީ މަހުމޫދު މަރައިލައިފައި އޮތް ގޭގެ ބިއްދޮށުގައި ހުންނަ ގެއެކެވެ. ނެދުންގެ ބަލާ ފާސްކުރުމަށްފަހު ފުލުހުން ސާލިމް ހައްޔަރު ކުރީ އިއްޔެއެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ސާލިމް ގެއަށް މިއަދު ގެންދިޔައީ މެންދުރުގެ ވަގުތެއްގައެވެ. އަދި އެ ގެއަށް އެ ވަގުތު ދެ އުދައްޔާއި މަށަން ދައްޗެއް ވެސް ވެއްދި ތަން ބައެއް މީހުންނަށް ފެނިފައިވެއެވެ. “އެ ބޭރު މީހާ ގޮވައިގެން ފުލުހުން މަހުމޫދުބެ އެއްލާލާފަ އޮތް ވަޅު ކައިރިއަށް ވެސް ގެންދިޔަ.އޭނަ ދިރިއުޅޭ ގެ ކައިރީ ވެސް ގިނައިރުތަކެއް ވަންދެން ތިބި. ދެން ވާހަކަތަކެއް ދެއްކީ އެއްޗެއް ކިޔާދޭ ކަހަލަ ގޮތަކަށް،” މަންޒަރު ދުށް މީހަކު ކިޔައިދިނެވެ. އޭނާ ބުނީ ނެދުންގޭގެ ފާރުމަތިން ސާލިމް އެރި ގޮތް ވެސް އޭނާ ފުލުހުންނަށް ކިޔައިދިން ކަމަށް ބެލެވޭ ކަމަށެވެ. ފުލުހުން މިހާރު ވެސް ސާލިމް ގޮވައިގެން ނެދުންގޭ ތެރޭގައި އެބައުޅޭ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ފުލުހުން އެތަނުގެ ތެރޭގައި އުޅެނީ ފަކީރާތަކަކާއި ލައިޓުތަކެއް ހިފައިގެން ކަމަށް ވެސް އޭނާ ކިޔައިދިނެވެ. “އެ ސަަރަހައްދުގައި މީހުން ވެސް އެއްވެފައި އޮތީ. އޭނާ [ސާލިމް] ގޮވައިގެން ވަދެފަ ނުކުން ދެ ފަހަރަކު. ދެން ލައިޓުތަކެއް ހިފައިގެން ވަނީ. ފަކީރާތަކެއް ވެސް ވެއްދި. މިހާރު ވަރަށް ބޮޑަށް ދިއްލާފަ ހުރީ. ބޮޑަށް ބެލެވެނީ ކޮންނަން އުޅެނީ ކަމަށް،” ފެނުނު މަންޒަރުތައް ދަނގެތިން ވާހަކަ ދެއްކި މީހާ ހިއްސާ ކުރިއެވެ. ނެދުންގޭ ކައިރި ވަރަށް ބޮޑަށް ހުރީ ދިއްލައިފައި — ސަން ފޮޓޯ މަހުމޫދުގެ މަރާ ސާލިމްއާ ހުރި ގުޅުމެއް ފުލުހުން އަދި މީިޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަމާ ގުޅިގެން އެ ރަށު މީހުން ޝައްކު ކުރާ ކަންތައްތަކެއް އެބަހުއްޓެވެ. މަހުމޫދު މަރާލި ރޭ، ނެދުންގޭ ކައިރިން ދިޔަ އަންހެނަކަށް ވަނީ އެ ގޭ ތެރެއިން މީހަކު ހަޅޭއްލަވާ ކަހަލަ އަޑުތަކެއް އިވިފައެވެ. އަދި ބޯދިއްކޮށްފައި ބަލާލި ވަގުތު އެއްޗެއް ދަމައިފައި ގެންދިޔަ ކަހަލަ މަންޒަރެއް ފެނުނު ކަމަށް ވެއެވެ. އަދި ފުލުހުން ނެދުންގެ ފާސްކޮށް، ސާލިމް ހައްޔަރު ކުރީ އެ މީހާ އެކަން ރިޕޯޓް ކުރުމުން ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!