ވ. ފުލިދުއަށް ދަތުރު ކުރަނިކޮށް ލޯންޗް ދިޔަވެ ހިނގި ހާދިސާގައި މަރުވި ނާހިދާ (ކ) އާއި ގެއްލިގެން ހޯދަމުން ދާ އޭނާގެ 4 އަހަރުގެ ދަރިފުޅު ---

ގަދަ ކަނޑުގައި ޗުއްޓީ އަށް ފެށި ދަތުރު، އަންހެނުންނާއި ހަގު ދަރިފުޅުގެ ވަކިވުން!

ނާހިދާއާއި އޭނާގެ އާއިލާ ދަތުރު ކުރަމުން ދިޔައީ ޗުއްޓީއަށް ވ. ފުލިދުއަށެވެ. މޫސުން ގޯސް ނަމަވެސް ވ. އަތޮޅު ފެރީގައި ދަތުރަށް ފުރީ ނާހިދާއާއި އޭނާގެ ފިރިމީހާއާއި 2 ދަރިންވެސް ގޮވައިގެންނެވެ. މާލެއިން ފުރައިގެން ދަތުރު ދެބައި ވެ، ވ އަތޮޅު އޮޅުވެލިފުއްޓާ ހަމައިން ދިމާވި ހިތާމަވެރި ހާދިސާއަކީ އުމުރުން 33އ ގެ މަރިޔަމް ނާހިދާއާއި އުމުރުން 4އ ގެ ދަރިފުޅު ޖުޔަލް ޖިނާހުއާ ވަކިވާން ޖެހިދާނެ ވަގުތުކަން އެކަކަށްވެސް ނޭނގޭނެއެވެ. ތަގުދީރުގައި ނެތް ކަމެއް ނުވާނެ ކަން އެންމެންނަށްވެސް އެނގެއެވެ. އެހެނަސް ތަދުބީރު ކުރެހި ޕްލޭންގައި ކަންވެ ނިމިދާނީ އެހެންކަން އެނގޭނަމަ ޔަގީނުންވެސް އެ ދަތުރަށް ނާހިދާއާއި އާއިލާ ނޭރީހެވެ. މާލޭ މީހަކާއި ފުލިދޫ މީހަކަށް ލިބުނު، މ. ގްރީން ޕީޑް މަރިޔަމް ނާހިދާ (33 އ)، މީގެ އަހަރުތަކެއް ކުރިން ފެލިދޫ މީހަކާއެކު ޒަވާޖީ ހަޔާތެއް ފަށައިފާ ވާއިރު އެ ކައިވެންޏަށް މިހާރު ވަނީ 2 ކުދިން ލިބިފައެވެ. ނާހިދާގެ ފިރިމީހާ މަސައްކަތް ކުރަނީ ވ. ފުލިދޫ އިންޖީނުގޭގައެވެ. ނާހިދާއާއި ދަރިން ދިރިއުޅެނީ މާލޭގައެވެ. ލިބޭ ޗުއްޓީއެއްގައި މާލެ އައިސް ނާހިދާއާއި ދަރިން ގޮވައިގެން ރަށަށް ދިއުމަކީ ނާހިދާގެ ފިރިމީހާ އަބަދުވެސް ކުރާކަމެކެވެ. ނާހިދާގެ ފިރިމީހާ އަކީ ފުލިދޫ އިންޖީނުގޭގާއި މަސައްކަތް ކުރަމުން އަމިއްލަ ކެފޭއެއްވެސް ހިންގާ މީހެކެވެ. ކޮންމެ ޗުއްޓީއެއްގައި އަނބިދަރިން ގޮވައިގެން އޭނާ ރަށަށް ދެއެވެ. މި އަހަރު ސްކޫލް ކުދިންގެ ފުރަތަމަ ޓާމުގެ މިޑް ބްރޭކްގައި ރަށަށް ގެންދިއުމަށް ނާހިދާގެ ފިރިމީހާ މާލެ އައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިއްޔެ ގާތްގަނޑަކަށް ހަވީރު 4:15 ހާއިރު މާލެއިން ފުލިދުއަށް ދިއުމަށް، ނާހިދާގެ ދެމަފިރިން ފުރީ އެ ދެމަފިރިންގެ ލޮލުގެ ނޫރުކަމުގައިވާ 7 އަހަރުގެ ދަރިފުޅު ޖައިޝް ޖިނާހުއާއި 4 އަހަރުގެ ދަރިފުޅު ޖުޔަލް ޖިނާހު ގޮވައިގެންނެވެ. ވ. އަތޮޅަށް ދަތުރުކުރާ 29 މީހުންގެ ޖާގައިގެ “ޑްރީމް ސްޕީޑް 2” ފެރީ ލޯންޗުގައި 12 މީހުންނާއެކު މާލެއިން ފުރިއިރުވެސް މޫސުން ވަރަށް ގޯހެވެ. ލޯންޗުގައި 7 އަހަރުގެ ދަރިފުޅު އިނީ ނާހިދާގެ ފިރިމީހާގެ އުނގުގައެވެ. އަދި 4 އަހަރުގެ ދަަރިފުޅު އިނީ ނާހިދާގެ އުނގުގައެވެ. ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން ކަނޑު ގަދަވެ ރާޅު ބޮޑުވެ ވައި ބާރުވެ ލޯންޗަށް ހިފަހައްޓާލެވޭ ވަރެއް ނުވެއެވެ. އިސާހިތަކު ލޯންޗުގެ ހަލް ފަޅައިގެން ދިޔަކަހަލަ އިހުސާސަކާއެކު އިތުރަށް ކުރިއަށް ދާން ނުކެރި ކައްޕި ލޯންޗް އަނބުރާލިއެވެ. އަނބުރާލި ލޯންޗުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔުމާއި ޖެހި ބޮޑު ރާޅާއެކު ފަހަތު ސަތަރިގަނޑު ފަޅައިގެންގޮސް ދަތުރުކުރި 3 މީހަކު ކަނޑަށް ވެއްޓުނީ ރާޅުން ލޯންޗު ނައްޓާލަން ކައްޕިއަށް ފަޅި ސިކުންތެއްވެސް ނުލިބިއެވެ. ކުރިމަތިން އައި ރާޅާއެކު ލަގެޖުތަކއެކު ނާހިދާ އުރައިގެން އިން 4 އަހަރުގެ ދަރިފުޅުވެސް ވިއްސައިގެން ގޮސް ލޯންޗުގެ ފަހަތު ސަތަރުގަނޑު ފަޅައިގެން ދިއުމާއެކު އެ ދަރިފުޅު ވެއްޓުނީ މޫދަށެވެ. އެ ރާޅުގެ ބާރު މިނުގައި ނާހިދާވެސް މޫދަށް ވެއްޓުނެވެ. މިހާދިސާގައި އެ ދެމަފިރިންގެ 7 އަހަރުގެ ދަރިފުޅު ސަލާމަތް ވިއެވެ. ނާހިދާއާއި ދަރިފުޅު މޫދަށް ވެއްޓުމާއެކު އެ ދެމައިން ސަލާމަތް ކުރަން އޭނާގެ ފިރިމީހާ މޫދަށް މުންމާލިއެވެ. އަދި ލޯންޗް ދިޔަވާތީ އިތުރުން މީހުންވެސް ފުންމާލިއެވެ. ނާހިދާގެ ފިރިމީހާއަށް ނާހިދާ އަތުޖެހުނު ނަމަވެސް، 4 އަހަރުގެ ޖުޔަލް ލޮލަށް ފެނި ގެއްލި ދިޔައީ އަތު ނުޖެހިއެވެ. ކަނޑުމަތީގެ އެ ނުރައްކާ ބިޔަ ރާޅުތަކުގެ ތެރޭގައި އެ ހިތްދަތި ހާދިސާ ހިނގާ، ގެއްލުނު ކުޑަދަރިފުޅު އަދިވެސް ނުފެނެއެވެ. ނަމަވެސް ނާހިދާ ނަގައިގެން ފުރާނަ ނެތް މަސްގަނޑު ލޯންޗުގައި ގުރައިދުއަށް ގެންދިޔައެވެ. ކަނޑުން ނެގި އިރު ނާހިދާގެ ބޯ އޮތީ ފަޅައިގެން ގޮސްފައިވާ ކަމަށް އާއިލާއިން ވަނީ “ދަ ޕްރެސް” އަށް ކަށަވަރު ކޮށްދީފައެވެ. ނާހިދާގެ ފުރާނަ ދިޔައީ ފިރިމީހާ ޖިނާހުގެ އަތްމައްޗަށެވެ. މިހާތަނަށް ކުރި މަސައްކަތުން އަދި ކުރަމުން އަންނަ މަސައްކަތުން ނާހިދާގެ 4 އަހަރުގެ ދަރިފުޅު ފެނިފާ ނުވާއިރު އެމްއެންޑީއެފުން ވަނީ އެކުއްޖާ ފެނިއްޖެނަމަ އަންގަން އެދިފައެވެ. އެމްއެންޑީއެފުން ވަނީ އެ ކުއްޖާ ގެއްލުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެއް ކަމަށްވެސް ބުނެފައެވެ. މި ހިތާމަވެރި ހާދިސާގައި އެކި ވަރުގެ އަނިޔާލިބުނު 4 މީހަކަށް ގުރައިދޫ ސިއްހީ މަރުކަޒުން އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައި ވާއިރު، ދެވަނަ މީހާގެ ފަޔަށް އަދި ތިންވަނަ މީހާގެ ކަކުލަށް ޒަހަމްތައް ލިބިފައިވާ ކަމަށް އެ މަރުކަޒުގެ މެނޭޖަރު އިބްރާހީމް ޝާދު ވަނީ ވިދާޅުވެފައެވެ. “ދަ ޕްރެސް” އަށް މިކަމާ ގުޅިގެން އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވީ ނާހިދާގެ ހަށިގަނޑު މާލެ ގެންދިއުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި މޫސުން ތަންދޭނަމަ މިއަދު މާލެ ގެންނާނެ ކަމަށެވެ. އަދި އަނިޔާވެގެން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިން މީހުން މިހާރު ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ޔާމީން ވިދާޅުވީ ނާހިދާގެ އާއިލާއިން ގުރައިދޫއަށް ދަތުރުކުރާ ކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނާހިދާއަކީ ވަރަށް ހިތްހެޔޮ މަޖާ މިޒާޖެއްގެ މީހެއްގެ ގޮތުގައި އާއިލާއިން ސިފަކުރާއިރު އޭނާގެ ކުއްލި މަރުގެ ހަބަރާއެކު ފުން ހިތާމައެއް ތަހައްމަލު ކުރަމުން ދާ އޭނާގެ ބޮޑުދައިތަ “ދަ ޕްރެސް” އަށް މައުލޫމާތު ދެމުން ބުނީ ނާހިދާއަކީ ވަރަށް އޯގާތެރި، ހިތްހެޔޮ، އަދި މީހުންނަށް އެހާމެ ރަނގަޅު މީހެއް ކަމަށެވެ. ނާހިދާގެ ބޮޑުދައިތަ އިތުރަށް ވާހަކަދައްކަމުން ބުނީ ނާހިދާގެ ކޮއްކޮ ވެސް މަރުވީ މިފަދަ ހާދިސާއެއްގައި ގެނބިގެން ކަމަށެވެ. ނާހިދާގެ ކޮއްކޮ މަރުވީ ފުލިދޫގައި އާއިލާ ބަޔަކާ އެކު ރަށުގެ ތުނޑިއަށް އެރި އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައެވެ. ނާހިދާގެ ހަށިގަނޑު މާލެ ގެނެވޭތޯ މަސައްކަތް ކުރާ ކަމަށް ބޮޑުދައިތަ ވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި ކުރިއަށްއޮތް 5 ވަރަކަށް ގަޑިއިރު ތެރޭގައި މޫސުން ތަންދީފިނަމަ ނާހިދާގެ ހަށިގަނޑު މާލެ ގެންނާނެ ކަމަށްވެސް ބޮޑުދައިތަ ވަނީ ބުނެފައެވެ. ނާހިދާ ކައިވެނި ކުރުމަށް ފުލިދުއަށް ބަދަލުވުމަށް ފަހު އިދާރީ މުވައްޒަފެއްގެ ގޮތުގައި އެ ރަށު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރިއެވެ. އަދި ނާހިދާ ވަނީ އެރަށު މީހުންގެ ލޯތްބާ އިހުތިރާމް ވެސް ހޯދާފައެވެ. ފުލިދޫއިން ނާހިދާ މާލެ ބަދަލުވެފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރީންނެވެ. “ދަ ޕްރެސް” އަށް ނާހިދާގެ ވަރަށް ގާތް ރަހުމަތްތެރިއަކު ބުނީ އޭނާ ނާހިދާ ސިފަކުރާނީ “ޖަވާހިރެއްގެ” ގޮތުގައި ކަމަށެވެ. ނާހިދާއާއެކު ވަރަށް ގިނަ ވަގުތު އެކީގައި ހޭދަކޮށްފައި ވާނެ ކަމަށާއި ނާހިދާއަކީ ވަރަށް ހެޔޮ މިތުރެއް ކަމަށް އޭނާ ބުނެއެވެ. ކޮވިޑްގެ ޕެންޑަމިކް ތެރޭގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެކީގައި ފުލިދޫ ޓާސްކް ފޯސްގައި މަސައްކަތް ކުރި ކަމަށާއި ނާހިދާއަކީ ކަމަށް ކަމޭ ހިތާ މަސައްކަތަށް ވަރަށް ފަރުވާތެރި މީހެެއް ކަމަށް ރަހުމަތްތެރިޔާ ވަނީ ކިޔައިދީފައެވެ. ނާހިދާގެ މަރާއެކު އޭނާ ދަންނަ އެންމެން ވަނީ ފުން ހިތާމައެއްގައެވެ. ހާއްސަކޮށް މުޅި ފުލިދޫ ވަނީ މިހިތާމައިގާ ރޮއްވާލައިފައެވެ. މީގެ ދެ އަހަރެއް ކުރިން މިދިޔަ 2019 ވަނަ އަހަރު މިފަދަ ހާދިސާއެއް ހިނގާ އެއް އާއިލާއެއްގެ 4 މެންބަރުން ވަނީ މިދުނިޔެ ދޫކޮށްފައެވެ. އެ ހާދިސާވެސް ހިނގާފައި ވަނީ މިފަދަ މޫސުން ގޯސް ދުވަސްވަރެއްގައި ދަތުރު ކުރަނިކޮށެވެ. މި ހާދިސާވެސް ހިނގާފައި މިވަނީ ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން އެލާޓުތައް ނެރެމުން ދަނިކޮށެވެ. މިފަދަ ހާދިސާތައް މަދުކުރެވޭނީ ކަމާބެހޭ އިދާރާތަކުންދޭ އިރުޝާދުތަކަށް ބޯލަބައިގެންނެވެ. އަދި ދަތުރުފަތުރު ކުރުމުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުންނެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!