ފިނޭންސް މިނިސްޓަރު އަމީރު: ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ އިގްތިސާދަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ އިގްތިސާދަށް އެޅުނު އެންމެ ބޮޑު ހުރަސް: އަމީރު

އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަތުލުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރުއާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނޮވެމްބަރު، 25، 2010 ގައެވެ. އެ އެއްބަސްުވުން ބާތިލް ކުރީ، ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ. އެމައްސަލައިގެ ހަނދާން އާ ކުރައްވަމުން ފިނޭންސް މިނިސްޓަރު އަމީރު, މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގްތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. “އެއާޕޯޓް އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު. އެއާޕޯޓް ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން. މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި,” އަމީރު ވިދާޅުވިއެވެ. ޖީއެމްއާރާއެކު އެއާޕޯޓު ތަރައްގީކޮށް 2014 ގައި ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް އަމީރު ވިދާޅުވިއެވެ. “މިއީ ޓޫރިޒަމް އާމްދަނީ އިން ރާއްޖެއަށް ގެއްލިގެން ދިޔަ އާމްދަނީ. އެއާޕޯޓް 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ އަޅުގަނޑަށް އަންދާޒާކުރެވޭ ގޮތުގައި 2020 ވަނަ އަހަރު ރާއްޖެ ކުރިމަތިލީހީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު,” އަމީރު ވިދާޅުވިއެވެ. ޖީއެމްއާރުގެ އެއްބަސްވުން ޑރ. ވަހީދުގެ ސަރުކާރުގައި އުވާލީ އެ އެއްބަސްވުމަކީ “އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ” ކަމަށް ބުނެ އެވެ. ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެދުނެވެ. ނަމަވެސް އާބިޓްރޭޝަނުން ނިންމީ، 271 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ދެއްކުމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އެ އަދަދު އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!