ވ. އޮޅުވެލި ރިސޯޓު ކައިރިން ލޯންޗެއް އަޑިއަށް ދިޔަ ހާދިސާގައި ނިޔާވި އުމުރުން 33 އަހަރުގެ ނާހިދާ ކ. ގުރައިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި / ފޮޓޯ: ދަ ޕްރެސް

ލޯންޗު އަޑިއަށް ދިއުން: ސަލާމަތް ވި ހަތަރު މީހަކަށް ފަރުވާ ދެނީ

ސަން ޝިޔާމް އޮޅުވެލި ރިސޯޓު ކައިރިން އަޑިއަށް ދިޔަ ލޯންޗުގެ ހާދިސާގައި ދަތުރުކުރި 12 މީހުންގެ ތެރެއިން ހަތަރު މީހަކަށް، ގުރައިދޫގެ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް، އެ މަރުކަޒުން ބުނެފިއެވެ. އެ މަރުކަޒުގެ މެނޭޖަރު އިބްރާހީމް ޝާދު “ދަ ޕްރެސް” އަށް ވިދާޅުވީ މި ހާދިސާގެ މައުލޫމާތު އެ މަރުކަޒަށް ލިބިފައި ވަނީ އިރުއޮއްސި 6:07 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ އެ ލޯންޗުގައި ހިނގި ހާދިސާގެ ސަބަބުން އަނިޔާވި ހަތަރު މީހަކަށް އެ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށެވެ. އެގޮތުން އެކެއްގެ ބޯ ފަޅައިގެން ގޮސްފައި ވާއިރު، ދެވަނަ މީހާގެ ފަޔަށް އަދި ތިންވަނަ މީހާގެ ކަކުލަށް ޒަހަމްތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހާދިސާގައި އަނިޔާވި މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށްވެސް ޝާދު ވިދާޅުވިއެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ އެ ލޯންޗަށް އެރި ރާޅަކާ ގުޅިގެންނެވެ. އެ ހާދިސާގައި ލޯންޗުން ދަތުރު ކުރި މީހުންގެ ތެރެއިން އަންހެނަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ ކ. މާލެ، މ. ގްރީން ޕީކް އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާއެވެ. ނާހިދާގެ އިތުރުން، މި ހާދިސާގައި އޭނާގެ ދެކުދިން ކަނޑުވި އިރު، އޭގެ ތެރެއިން އުމުރުން 4 އަހަރުގެ ކުއްޖަކު އަދިވެސް ނުފެނިގެން، އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ދަނީ ހަތަރު އަހަރުގެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!